މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އޭބީޓީއޭ (އަބްޓާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ 3،500 އަށްވުރެ ގިނަ ބްރޭންޑް ތަމްސީލުކުރާ މި ޖަމިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.

އަބްޓާގެ ޑައިރެކްޓަރ އޮފް އިންޑަސްޓްރީ ރިލޭޝަންސް ސޫޒަން ޑިއަރ ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ނުކުރާ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން ޖީއެސްޓީގެ ދާއިރާގެ ތެރެއަށް ވެއްދުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. މި ބަދަލާއެކު ރާއްޖޭގައި އެއްވެސް އޮފީހެއް ނުވަތަ ދާއިމީ މަސައްކަތެއް ނެތް ކުންފުނިތަކުން ވެސް ރާއްޖޭގެ ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހި، އެ ކުންފުނިތަކަށް ލިބޭ ކޮމިޝަން ނުވަތަ މާޖިން އިން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

މި ނިންމުމަކީ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް، އަބްޓާއިން ވަނީ މި ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ އިގުތިސާދީ އަސަރުތަކާއި އިދާރީ ދަތިތަކަށް ރިއާޔަތްކުރުމަށް އެދިފަ އެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މާޖިންތައް މިހާރު ވެސް ހުރީ ވަރަށް ބޮޑަށް ހަނިވެފައި ކަމަށާއި މިފަދަ އިތުރު ބުރައެއް ކުރިމަތިވުމަކީ އިނގިރޭސި ޓުއަރ އޮޕަރޭޓަރުން ރާއްޖެ އިސްތިހާރުކުރުމަށް އޮތް ޝައުގުވެރިކަން ކުޑަވެ، ރާއްޖެއަކީ އަގުބޮޑު މަންޒިލަކަށް ވެގެންދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން އިންޒާރު ދީފައިވެ އެވެ.

އަހަރަކު 41 ބިލިއަން ޕައުންޑަށް ވުރެ ގިނަ ވިޔަފާރި މުއާމަލާތް ހިންގާ އަބްޓާގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މި ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްލުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. އަދި މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި އެހެނިހެން މުހިންމު މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، މި ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒުކުރާނަމަ، އެކަމާ ގުޅޭ ސާފު މައުލޫމާތު ބޭނުންވާ ކަމަށް ވެސް އަބްޓާއިން ބުނެފައިވެ އެވެ. އެގޮތުން ޓެކްސް ރަޖިސްޓްރީ ކުރަންޖެހޭނީ ކޮން ބައެއްކަމާއި ޓެކްސް ހިސާބުކުރާނެ ގޮތާއި އަދި މި ބަދަލު ހިނގާނީ ބުކިންގ ހަދާ ތާރީހުން ފެށިގެންތޯ ނުވަތަ ފަތުރުވެރިޔާ ދަތުރުކުރާ ތާރީހުން ފެށިގެންތޯ ސާފުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރަމުން، މި މައްސަލައިގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތަކަށް ވެސް އަބްޓާ އިން ވަނީ އެދިފަ އެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ބަލައި، ވީހާވެސް އަވަސް ޖަވާބެއް ދެއްވުމަށް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން އަށް އަރިހުން އެދިވަޑައިގަންނަވާފަ އެވެ.