ފާއިތުވި ތިން މަސް ދުވަސްތެރޭގައި 205 ސިޔާސީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް
(މުންދު) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، މިހާތަނަށް ވަކިކޮށްފައިވަނީ ހަތަރު މަގާމަކަށް ނިސްބަތްވާ މުވައްޒަފުން ކަމަށެވެ.
އެއީ ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއަރ ޕޮލިޓިކަލް
ޑިރެކްޓަރުން އަދި ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް މުންދު ވިދާޅުވި އެވެ. އަދި މި
މުވައްޒަފުން ވަކިކޮށްފައި ވަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށް އޭނާ
ވިދާޅުވި އެވެ.

ސިޔާސީ މުވައްޒަފުންގެ އިވެލުއޭޝަން މަސައްކަތް މިހާރު ވެސް ކުރިއަށްގެންދާކަން
ފާހަގަ ކުރައްވާ މުންދު ވިދާޅުވީ، އިވެލުއޭޝަން މަސައްކަތުގެ ތެރެއިން ވަކިކުރާ
މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ނިމިދިޔަ އޭޕްރިލް މަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުންދު ވިދާޅުވީ، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރާނީ ސަރުކާރުން ކުރަމުންދާ
ރައިޓްސައިޒް ކުރުމުގެ މަސައްކަތް ނިމުމުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މުވައްޒަފުންގެ
އަދަދު 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމުގެ ވައުދުފުޅާ އެކު އެވެ. ނަމަވެސް
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، ސަރުކާރުގައި ތިބި ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި މިއަހަރުގެ އޭޕްރީލް މަހު އޮތް ލޯކްލް ކައުންސިލް އިންތިޚާބާ ދިމާކޮށް
ސަރުކާރުން ވަނީ އެތައް ބަޔަކަށް ވަޒީފާ ދީފަ އެވެ. ނަމަވެސް
މިހާރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރަމަށް ކަމަށް ބުނެ، ދައުލަތުގެ ކުންފުނިތަކުން ނުހައްގުން
އެތައް ބަޔަކު ދަނީ ވަޒީފާތަކުން ވަކިކުރަމުންނެވެ. 

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ގެންދާއިރު ވެސް، ސަރުކާރުން ދަނީ އަދިވެސް ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އައްޔަނުކުރަމުންނެވެ.