އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދުގެ ކެމްޕެއިން ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ" ކަމަށް އެމަނިކުފާނު ހާމަކުރައްވައިފި އެވެ. 

ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މި ކެމްޕެއިންގައި ބޭނުންކުރައްވާ  ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ" ކަން ހާމަކުރައްވާ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ހުރިހާ ގޮތަކުން ވެސް ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ބޯ ހާސްކަމާއި ދަރަންޏާއި ހުއްޓި ހުންނަން ޖެހުމާއި ވާނުވާގައި ގަނަތެޅުމާއި ޖީބު ފޫގޮސް، ނާއުއްމީދުގައި ބޮލުގެ އެންމެ ފަހު އިސްތައްޓާ ހަމައަށް ދަރަނިވެފައިވާ ދަންތުރައިން  ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރައްވާ، އަދުގެ ހާލަތުން ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ތެދުވާ ފުދުންތެރި ރާއްޖެއެއް އެމަނިކުފާނު ގާއިމުކޮށްދެއްވާނެ ކަމަށެވެ. 

ދިވެހިރާއްޖޭގެ އުތުރު ބިތާއި ދެކުނު ބިތް، ޒަމާންތަކަކަށް ފަހު  ވެރިކަން ކުރާ މާލެ ސިޓީ އަށް ހުރިހާ ކަމަކަށް ބަރޯސާނުވެ ތަރައްގީ ވެވޭނެ ގައުމެއް ރާއްޖެއިން އަޅުގަނޑު ގާއިމުކޮށްދޭނަން. ބިލިއަނުން ގާއިމުކޮށްދޭނަން. އެގޮތުން ކުޅުދުއްފުށި ބަނދަރު ދެ ކަޅު ހަމަށް ފެން ބަރުކޮށްގެން ގައްލަންދޫ ކަނޑުން އިހަވަންދިއްޕޮޅަށް މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތް، އޭގެ އަސްލު މާނައިގައި، އެކަން ކުރަންވީ ގޮތަށް އަޅުގަނޑުގެ ސަރުކާރެއްގައި ތަރައްގީ ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން. މި ސަރުކާރުން އެ ކުރަނީ ބަންކަރިންއެއް ނޫން. މި ސަރުކާރުން އެ ކުރަނީ ބޮކަރިންގ. މި ސަރުކާރުން އެ ކުރަނީ މަލާމާތް 
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ބަންކަރިންއަކީ ދެ ކަޅުހަން ހިފައިގެން 'ރަމަން ރަމަން ފޯލިކުޅުން' ނޫންކަން އެމަނިކުފާނުގެ ވެރިކަމެއްގައި ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ދުނިޔެ އާއި ގުޅިލާމެހިފައިވާ ސިނާއަތެއް ކަމަށާއި އެކަން ކުރެވޭނީ އެކަން ކުރަން ދަންނަ ބަޔަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ސިޓީގެ ޕޯޓަކީ ވެސް އަސްލު މާނައިގައި ނަފާވާ، އެ ސިޓީގެ ރައްޔިތުންގެ ޕޯޓެއްގެ ގޮތުގައި، އާރުލައި ޕޯޓަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފަ އެވެ. އަދި އެ ޕޯޓަކީ ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނާނެ އިގުތިސާދީ ދޮރާއްޓަކަށް ހަދައިދެއްވާނެ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. 

ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގައި ރައްޔިތުން ގަނަތެޅެން ނުޖެހޭވަރުގެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ޓަރޝިއަރީ ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތައް އަދި ހެލްތު ސެންޓަރުތައް މިނިމަމް ސްޓޭންޑަޑަށް ފެތޭކަން ކަށަވަރުވާ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ޚާރިޖީގޮތުން ގާއިމުކުރައްވާފައިވާ ގުޅުންތަކުގެ ބޭނުން ފުރިހަމައަށް ހިފައި، މި ގައުމަކީ ބޭހަށް ނުޖެހި، އަސާސީ ކާޑަށް އަދި ތެލަށް ވެސް ނުޖެހި އުޅެވޭ ގައުމެއްގެ ގޮތުގައި މި ގައުމު ކުރިއަރުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.