މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހުނު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުން އަދަދު ނޫހުން ހުރަސްއެޅުމާއި ގުޅިގެން
ކެންސަލްކުރަން ޖެހުނުކަން ޗީފް
ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހާމަ ކުރައްވައިފިއެވެ.

މީޑިއާތަކާ މުއާމަލާތުކޮށް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް
ބާއްވަމުން އަންނަ "ޕްރެސް ވިތް ސްޕޯކްސްޕަރސަން" ސިލްސިލާގެ ބައްދަލުވުން
ތާވަލުކުރެވިފައި އޮތީ މިއަދު ހަވީރު 4:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައެވެ. މި ބައްދަލުވުމަށް
ދައުވަތު ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީޑިއާ ގްރޫޕް މެދުވެރިކޮށް،
ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ސްކްރީންކޮށްފައިވާ ނޫސްވެރިންނަށެވެ.

މިކަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން މުންދު ވިދާޅުވީ، މީގެ
ދެމަހެއްހާ ދުވަސް ކުރިން 'އަދަދު' ނޫހުން ރައީސް އޮފީހުގައި ހިންގި ޤާނޫނާ ޚިލާފު
ޢަމަލުތަކަކާއި، އެ ފަރާތާ ގުޅޭ ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ، އެ މައްސަލަ ވަކިގޮތަކަށް
ނިމެންދެން އެ ނޫސް ރަސްމީ މީޑިއާ ގްރޫޕުން އުނިކޮށްފައިވާ ކަމަށެވެ. އަދި މިވޭތުވެދިޔަ
މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން ނުވަތަ ތަރުޖަމާނު ބޭއްވެވި އެއްވެސް
ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް އެ ނޫހުގެ ނޫސްވެރިން ބައިވެރިވެފައި ނުވާކަން
އޭނާ ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ މިއަދުގެ ޕްރެސް ކޮންފަރެންސަށް 20 ވަރަކަށް
ނޫސްވެރިން ރަސްމީކޮށް ނަން ނޯޓުކުރި ކަމަށެވެ. ނަމަވެސް، ކުރިން އެ ގްރޫޕުގައި އޮތުމުން
ނަންބަރު އެނގިފައި އޮތް 'އަދަދު' ނޫހުން ނޫސްވެރިޔާ ލީވާންގެ ނަން ފޮނުވި ނަމަވެސް،
ރައީސް އޮފީހުން އެ މެސެޖު ބަލައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ބައްދަލުވުން
ފެށެން ކައިރިވެފައިވަނިކޮށް، ހުއްދައަކާ ނުލައި ލީވާން ޕީއެސްއެމްގެ ސްޓޫޑިއޯއަށް
ވަދެ، އެތަނުން ނުކުތުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

"ޕީއެސްއެމަކީ ވަކި
ޤާނޫނީ ޝަޚްސަކަށް ވާއިރު، ހުއްދަނެތި އެފަދަ ތަންތަނަށް ވަދެ އުޅުމަކީ ޤާނޫނު ހުއްދަކުރާ
ކަމެއް ނޫނެވެ.  މި އަމަލުގެ ސަބަބުން ޕްރެސް
ކޮންފަރެންސް ފެށުން ލަސްވެ، ވަގުތު ފާއިތުވަމުން ދިޔުމާއި، އަދި ވަގުތުން ދުރަށްދައްކާ
ޕްރޮގްރާމަކަށް ވުމުން ޓީވީ ޝެޑިއުލަށް ބުރޫއަރާތީ، މިއަދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް
ނުގެންދިޔުމަށް އަޅުގަނޑު ނިންމީ،" މުނދު ވިދާޅުވިއެވެ.

 މި އަމަލުގެ ސަބަބުން ޕްރެސް ކޮންފަރެންސް ފެށުން ލަސްވެ، ވަގުތު ފާއިތުވަމުން ދިޔުމާއި، އަދި ވަގުތުން ދުރަށްދައްކާ ޕްރޮގްރާމަކަށް ވުމުން ޓީވީ ޝެޑިއުލަށް ބުރޫއަރާތީ، މިއަދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ނުގެންދިޔުމަށް އަޅުގަނޑު ނިންމީ
މުނދު ވިދާޅުވިއެވެ.

މި ހާދިސާގެ ސަބަބުން ޕީއެސްއެމް އަދި އެހެނިހެން މީޑިއާތަކުގެ
ވަގުތު ގެއްލިގެން ދިޔުމުން ތަރުޖަމާނު ވަނީ ނިހާޔަތަށް މަޢާފަށް އެދިވަޑައިގެންފައެވެ.

މުންދު އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް
ރަސްމީ އަދި ޒިންމާދާރު ނޫސްވެރިންނާ އެކު އެހެން މާހައުލެއްގައި މި ޕްރެސް ކޮންފަރެންސް
ބާއްވާނެ ކަމަށެވެ. އަދި ހަޤީޤަތް އޮޅުވާލައި ފިތުނަ އުފެއްދުމަށް ފުރުސަތު ނުދެވޭނެ
ކަމަށާއި، މި ހިނގައިދިޔަ ކަންކަމާ ގުޅިގެން ޕީއެސްއެމްއިން އަޅަންޖެހޭ ފިޔަވަޅުތައް
އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ދޮގު މަޢުލޫމާތު ފެތުރުމުގެ ކުރިން، ކަން
ހިނގި ގޮތުގެ ހަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މި ވަގުތުން ވަގުތަށް މި މަޢުލޫމާތު
ހިއްސާކުރި މައިގަނޑު ބޭނުން ކަމުގައިވެސް ތަރުޖަމާނު މުންދު ފާހަގަކުރެއްވިއެވެ.

އަދަދު ގެ ނޫސްވެރިޔާ ޕީއެސްއެމް ގެ ހޯލަށް ވަދެވޭނީ ޕީއެސްއެމް އިން ހުއްދަލިބިގެން ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން މުންދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.