ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފި އެވެ.

މި ހިގާލުންތަކުގެ ތެރެއިން މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ މާލެވަށާ ހިނގާގޮތަށެވެ. ޖުމްހޫރީ މައިދާނުން ފެށި މި ހިނގާލުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން، އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި ފުލުހުންގެ ޚިދުމުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވި އެވެ. ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު ‏މުވައްޒަފުން ބައިވެރިވި އެވެ.

ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމުަގައި ފުލުހުންގެ އިދާރާއިން ބުނެ އެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި އޮންނާނެ އެވެ. އަދި “ޕޮލިސް ފެމިލީ ނައިޓް” ވެސް ސޯޝަލް ސެންޓަރުގައި މިރޭ އޮންނާނެ އެވެ.