މިއަހަރު ސިއްހީ ދާއިރާއަށް 2000 އެއްހާ މުވައްޒަފުން ނަންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވާ ގެނެސްދެއްވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި މިފަދައިން ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު އެވެ.

އޭނާ ވަނީ ހުޅުމާލެ އާބާދީ ބޮޑުވަމުންދާއިރު ހުޅުމާލެ ހޮސްޕިޓަލުން އެހާ ގިނަ މީހުންނަށް ހިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އޭނާގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި 2 ގައި ވެސް އިތުރު ޖީބީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައިވާ ކަމަށާއި، މިއަހަރު މުވައްޒަފުން ނަގަން ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ. 

ހެލްތު ސެކްޓަރަށް އެކަނި ސްޓާފުން އިތުރު ކުރަން އަޅުގަނޑުމެން އަސްލު ނިންމާފައި ވާނީ ނިއަލީ 2000އެއްހާ ސްޓާފުން މުޅި ރާއްޖެއަށް ދެން އޭގެ ތެރެެއިން ވެސް ބެޗް ބެޗަށް މިދަނީ ދެން މިހާރު އެބަ ހުރި ސްޓާފުން ނެގުން އޮފްކޯސް މާލެ ގްރޫޕް އޮފް ހޮސްޕިޓަލަސް ހިމެނޭނެ 
ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެ މުވައްޒަފުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނަން 6 ވަރަކަށް މަސް ނެގި ނަމަވެސް ސްޓާފުން އިތުރު ކުރަން އެހާ ގިނަ ދުވަސް ނުނަގާނެ ކަމަށެވެ. 

މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސްޓާފުން މަދުވުމާ ގުޅިގެން ދަތިތަކާއި ކުރިމަތިލާން ޖެހި އެކަމުގެ ކަންބޮޑުވުންތައް އޭރު ހިއްސާކުރެއްވި ނަމަވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ރައީސް އަރިހުގައި ދަންނަވާފަ އެވެ.