އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް ދަންނަވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައި، ކެމްޕެއިން ހަރަކާތްތައް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ހުކުރު ދުވަހުގެރޭ ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފަ އެވެ.
ޝާހިދު އަރިހުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް އާއި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ އެ ސިޓީ އަށް ވަޑައިގެންފަ އެވެ.
އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު އަހުމަދު އާތިފުގެ އިތުރުން ގިނަ ބަޔަކު ވަނީ އެ ސިޓީ އިން ހޫނު މަރުހަބާ އެއް ދަންނަވާފަ އެވެ. އަދި އެއަށް ފަހު، ސައިކަލް ބުރެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް ވަނީ ދަންނަވާފައި|ރާއްޖެއެމްވީ
މި ދަތުރުގައި ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގެ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދިއުމާއެކު ހޮނިހިރު ދުވަހުގެރޭ ޖަލްސާ އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ޝާހިދު ކުރައްވަމުން ގެންދަވާ މި ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ މި މަސައްކަތުގައި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންގެ ތާއީދާއި ވޯޓަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާނީ ޕާޓީގެ ހުރިހާ މެންބަރުންގެ މީހަކަށް ކަމަށާއި ހުރިހާ ފިކުރެއް ގޮވައިގެން އުޅުއްވާނެ އަދި އުޅުއްވޭނެ މީހަކަށް ވެވަޑައިގެން، ކަންކަން ޑެލިވަރ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މީގެއިތުރުން މުޅި ގައުމުގެ ލާބަ އާއި މަސްލަހަތު އިސްކުރައްވާ، ހިމާޔަތްކުރައްވާ، ދިވެހި ރައްޔިތުންނަށް އިންސާފުވެރި، ހަމަހަމަ ފުރުސަތެއް އޮތް ސާދާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.