ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާރސް (މަޓާޓޯ) ގެ ސެކްރެޓަރީ
ޖެނެރަލް އަބްދުﷲ ސުއޫދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ޑޮލަރު ބަހުސް' ގައި ވާހަކަދައްކަވަމުން ޓޫރިޒަމް ދާއިރާއަށް ސަރުކާރުން ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވާ ސުއޫދު
ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީގެ 75 އިންސައްތަ އަކީ ޓޫރިޒަމް ދާއިރާއިން ލިބޭ
އާމްދަނީ ކަމަށެވެ. އަދި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ދައުލަތަށް އާމްދަނީ
ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތުން، އެއާޕޯޓުގައި އަލަށް ތައާރަފުކޮށްފައިވާ ޓާމިނަލުގައި ދައުލަތަށް އާމްދަނީ ލިބޭނެ ގޮތެއް ވެސް ގާއިމުވެފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެންގެ ޖީޑީޕީގެ 75 އިންސައްތަ މި ހިއްސާ ކުރަނީ ޓޫރިޒަމް
ދާއިރާއަށް. އިންޑައިރެކްޓުކޮށް 80 ނުވަތަ 85 އިންސައްތައަށް އެބަ އަރާ. ޓޫރިޒަމް
އިންޑަސްޓްރީއަށް ސަރުކާރު މިވަނީ ބަރޯސާވެފައި. އެހެން ގޮތަކަށް އާމްދަނީ
ހޯދުމަށް މަސައްކަތެއް ނުކުރޭ. މިގޮތުން އެއާޕޯޓުގެ އައު ޓާރމިނަލްތަކުގައި
އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ނެތް ގާއިމުވެފައެއް. އަދި ވީއައިޕީގެ
ބޮޑުބައެއް ވެސް އޮންނަނީ މަޖިލިސް މެންބަރުންނަށް ރިޒާވްކޮށްފައިއަބްދުﷲ ސުއޫދު
ސުއޫދު ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ޕޯޓުތަކުން އަދި ބޭރު ގައުމުތަކަށް
މަސްދަޅު އެކްސްޕޯޓު ކުރުމުން ރާއްޖެއަށް އިތުރު ބޭރު ފައިސާ ލިބިގެންދާނެ
ކަމަށެވެ. ނަމަވެސް މިފަދަ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުން އެއްވެސް
މަސައްކަތެއް ނުކުރާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީއިން 40 އިންސައްތަ މާރުކުރުން
ލާޒިމުކުރާ ގާނޫނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ.
މިކަން ފާހަގަކުރައްވާ ސުއޫދު ވިދާޅުވީ މިފަދަ ބަދަލެއް ގެންނައިރު ކަމާ ބެހޭ
ފަރާތްތަކާއި މަޝްވަރާ ކުރުން މުހިންމު ކަމަށެވެ. މިގޮތުން ނިމިދިޔަ ސަރުކާރުން
ޓީޖީއެސްޓީ އިތުރުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ އެކު އެތައް މަޝްވަރާއެއް
ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އައިއެމްއެފް އަދި ވޯލްޑް ބޭންކުން ޝާއީކޮށްފައިވާ 2025 ވަނަ އަހަރުގެ އަހަރީ
ރިޕޯޓުގައި ދިވެހި ދައުލަތަށް ބޭރު ފައިސާގެ ދަތިކަމެއް ދިމާނުވާނެކަމަށް އެ
އިދާރާތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ގައުމުގެ އިގްތިސާދު މި ހާލަތަށް
ގޮސް ބޭރު ފައިސާގެ ދަތިތައް އިތުރުވަމުން ދަނީ ސަރުކާރުގެ ބޭކާރު ހަރަދުތައް އިތުރުވުމުގެ ސަބަބުން ކަމަށް ސުއޫދު
ވިދާޅުވި އެވެ.
އިސްރާފުކުރުން ހުއްޓާލަންޖެހޭ. މިސާލަކަށް ގިރާވަރު އަދި ގުޅީފަޅު
ފަދަ މަޝްރޫއުތަކަށް ބޭރު ފައިސާ މި އޮއްސާލަނީ. ޑޮލަރުގެ ދަތިކަން މި އަންނަނީ މި
ސަބަބުތަކާއި ހުރެ. އައިއެމްއެފް އިން ރިޕޯޓު ނެރޭ ނޮވެންބަރުގައި ވޯލްޑް ބޭންކުން
ނެރޭ ޖެނުއަރީ ހިސާބު. އެބޭފުޅުންގެ މިދިޔަ އަހަރުގެ ރިޕޯޓުގައި ވެސް ރާއްޖެއަށް
ބޭރު ފައިސާގެ އެއްވެސް ދަތިކަމެއް ނެތްކަމަށް އޮތީ ފާހަގަކޮށްފައިއަބްދުﷲ ސުއޫދު
މި ހިނގަމުންދާ ރައީސް މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ އިގުތިސާދީ ހާލަތު
ދަނީ ވަރަށް ބޮޑަށް ދައްވަމުންނެވެ. މިކަން ހައްލުކުރެއްވުމަކަށް ކަމުގައި ވިދާޅުވެ ރައީސް މުއިއްޒު ވަނީ
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމްކުރާ
ގާނޫނެއް ތަސްދީގު ކުރައްވައިފަ އެވެ. ނަމަވެސް މި ގާނޫނު ތަސްދީގު ކުރެއްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ނިސްބަތްވާ އެތައް ބަޔަކު ދަނީ އެކަމުގެ
ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.