ކުރީގައި "ޓެކްސް ހެވަން" އެއް ގޮތުގައި އޮތް ރާއްޖެ މިހާރު މިއޮތީ "ޓެކްސް ހެލް" އަކަށް ބަދަލުވެފައި ކަމަށް ރިސޯޓް ލައިފްގެ މެނޭޖިންގ ޑިރެކްޓަރު ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ. 

ޝާޒް މިފަދައިން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދިން "ޑޮލަރު ބަހުސް" ގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސްދީގުކުރެއްވި މި ގާނޫނަކީ، ދެއުޅިއެއް ނުވާ ގާނޫނެއް ކަމަށް ޝާޒް ވިދާޅުވި އެވެ. އަދި ޓުއަރ އޮޕަރޭޓަރުން ވިޔަފާރި ކުރަނީ ރާއްޖޭގައި ތިބެގެން ނޫން ކަމަށާއި މީރާއިން އެ ޓެކްސް ނަގާނީ ކޮންތާކު ތިބިގެންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. 

ބޭރު މީހާ އެތަނުގެ ގާނޫނާ ގަވާއިދާ އެގޮތަށް މަަސައްކަތް ކުރަނީ، އޭނަ ދައްކަން ޖެހޭ ހުރިހާ ޓެކްސްއެއް ދައްކާތީ ދިވެހިރާއްޖެއަށް މީހުން އަންނާތީވެ، އެ މީހާ އަތުން އިތުރު ޓެކްސްއެއް ނަގާކަމުގައި ވާނަމަ، އެއީ ކިހިނެއްތޯ އެ ޓެކްސް ނަގަނީ، ކީއްވެގެންތޯ އޭ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކުރިއަށް ކައުންޓަރެއް ލާފާ އާން މީނަ ރާއްޖެ އަންނާތީވެ 17 އިންސައްތަ މީނަ ހުންނަ ހޮޓަލުގެ 17 އިންސައްތަ މީނަ ޕޭ ކުރާށޭ، އެހެންވެއްޖިޔާ ވަރަށް ކްލިއަރކޮށް އެބަ ފެނޭ އެމީހާ އަތުން މި ލާރި ނެގޭކަން 
ޝާޒް ވަލީދު

މިފަދަ ގާނޫނުތައް ހަދައިގެން ރާއްޖޭގެ ވެރިން ޓުއަރ އޮޕަރޭޓަރުން ގާތު ބުނަމުން އެ ދަނީ ރާއްޖެއަށް ފަތުރުވެރިން ނުފޮނުވަން ކަމަށް ޝާޒް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަން ބޭނުން ވަނީ ފަސޭހަކޮށް ކަމަށް ވިދާޅުވި އެވެ. 

މިއަދު މީރާއިން ވެސް ވިދާޅިވޭ އަޅުގަނޑުމެންނާއެކު ވާހަކަދެއްކިއިރު ކުރީގައި ޓެކްސް ހެވަންއެއް ގޮތުގައި އޭ އޮތީ އަޅުގަނޑު ދެންނެވިން މިހާރު މިއޮތީ ޓެކްސް ހެލްއަކަށް ބަދަލުވެފައޭ. ހަގީގަތުގައި ވެސް ދިވެހިރާއްޖެ މިއޮތީ ޓެކްސް ހެލް އަކަށް ބަދަލުވެފައި، ހެލްއެއްްގެ ތެރެއަށް ފުންމާލާނީ މޮޔައެއް ނޫންތޯ، އެހެންވީމަ ސަރުކާރުން އެ ބުނަނީ މައިކަލާކޯއޭ އެއްވެސް ފަތުރުވެރިއެއް ރާއްޖެ ނާންނާށޭ
ޝާޒް ވަލީދު

މިހާރު މި ހަދާފައިވާ ގަވާއިދުތަކަށް އަމަލުކުރަން ފަށެމުގެ ކުރިއަށް ދިނީ އެއް މަސް ދުވަސްކަން ފާހަގަކުރައްވާ، ޝާޒް ވިދާޅުވީ މީރާއަށް ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް ދެއްކޭނެ ގޮތެއް ވެސް، ހޮދާނެ ގޮތެއް ވެސް އަދި މިކަމާ ގުޅޭ މައުލޫމާތު ހޯދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި މިފަދަ ދޯހަޅި ކަންކަން ސަރުކާރުން ކުރާ ކަމުގައި ވާނަމަ ފަތުރުވެރިކަން މިހާރު ވެއްޓެމެންދާ ވަރަށް ވުރެ ވެސް ބޮޑަށް، ކުއްލިއަކަށް ވެއްޓިގެން ދާނެ ކަމަށް ޝާޒް ވިދާޅުވި އެވެ. 

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ގާނޫނު ވަނީ ފާސްކޮށްފަ އެވެ. އަދި މި ބިލު ފާސްކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، އެކަމަށް ބެލުމެއް ނެތި ރައީސް މުއިއްޒު ވަނީ މި ބިލު ތަސްދީގުކުރައްވާފަ އެވެ.