ބ. ފުޅަދޫގައި މީގެ ކުރިން ހިންގާފައިވާ ތަރައްޤީގެ
ހުރިހާ މަޝްރޫއުތަކަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ މަސައްކަތްތައް ކަމަށާއި،
މިހާރުގެ ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް
ފުޅަދޫ ކައުންސިލް މެންބަރު ހައްސާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި
ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ހައްސާން ވިދާޅުވީ، މި ސަރުކާރު އައިފަހުން
ފުޅަދޫގައި އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށާއި، ފެންނަން އޮތީ ހަމައެކަނި މީގެ
ދޮޅުމަސް ކުރިން ފެށި މިސްކިތުގެ މަސައްކަތް އެކަނި ކަމަށެވެ.
ފުޅަދޫގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތަކަށް
އަލިއަޅުއްވާލައްވަމުން ހައްސާން ވިދާޅުވީ، އެ ރަށަކީ މީގެ ކުރިން ބަނދަރެއް ވެސް ނެތް
ރަށެއް ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ރަށުގައި ބަނދަރެއް
ހަދައިދީފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ އެންމެ ބޮޑު ދަތިކަމަކީ އަދިވެސް ފެނާއި
ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުން ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި
ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ފުޅަދޫއަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ފައްކާވަމުންދާ
ރީތި ރަށެއްކަން ފާހަގަކުރައްވަމުން ހައްސާން ވިދާޅުވީ، އެ ރަށަށް ހަފްތާއަކު ދެ ދުވަހު
ސީޕްލޭން ޖައްސާ ކަމަށާއި ލޯންޗު ފެރީގެ ޚިދުމަތް ވެސް އޮންނަ ކަމަށެވެ. ޖުމްލަ 421
މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި މިހާރު ވެސް 23 ގެސްޓްހައުސް ހިންގަމުންދާއިރު،
އިތުރު 15 ތަނެއް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކައުންސިލްގެ އަމާޒަކީ ކޮންކްރީޓް ތަރައްޤީ މަދުކޮށް،
ވީހާވެސް ފެހިކަން ގަދަ ރަށެއްގެ ގޮތުގައި ފުޅަދޫ ބޭއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ދާދި ފަހުން ވަނީ ފުޅަދޫގައި ހުރި ފަތުރުވެރިކަމުގެ
ބިންތައް މިނިސްޓްރީގެ ދަށަށް ދޫކޮށްލުމަށް ކައުންސިލުން ނިންމާފައިވާކަން ބަޔާންކޮށް
އެމްއޯޔޫއެއްގައި ސޮއިކުރުމަށް އަންގާފަ އެވެ. ނަމަވެސް ކައުންސިލުން އެ އެއްބަސްވުމުގައި
ސޮއިނުކުރަން ނިންމާފައިވާ ކަމަށް ހައްސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް
ވިދާޅުވީ ފުޅަދޫއަކީ ބިމުގެ އަގު ބޮޑު ރަށެއް ކަމަށާއި، ސަރުކާރުން ނިންމާ މިފަދަ ނިންމުންތަކުގެ
ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
މީގެ އިތުރުން، ފުޅަދޫއިން ގްރީން ޓެކްސްގެ ގޮތުގައި
ދައުލަތަށް މިލިއަނުން ފައިސާ ދައްކަމުންދާއިރު، އެ ފައިސާއިން ރަށް ފެހިކުރުމަށާއި
ތަރައްޤީ ކުރުމަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް ވިދާޅުވެ، ހައްސާން ވަނީ ކަންބޮޑުވުން
ފާޅުކުރައްވާފަ އެވެ.
ފުޅަދޫއަކީ ބޭރުގެ ފަތުރުވެރިންގެ އިތުރުން ގިނަ
އަދަދެއްގެ ދިވެހީން ވެސް ޒިޔާރަތްކުރާ މަގުބޫލު މަންޒިލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.