ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން
ކުރަމުންދާ ކަންކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ބ. ފުޅަދޫ ކައުންސިލުގެ
މެންބަރު ހައްސާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުކުރު
ދުވަހު ރައްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ހައްސާން ވިދާޅުވީ،
ކައުންސިލުތަކުން އެއްބާރުލުން ނުދީގެން ޕްރޮޖެކްޓުތައް ހުއްޓިފައި އޮތްކަމަށް ރައީސް
ވިދާޅުވާއިރު އެއީ ހަގީގަތާ ޚިލާފު ވާހަކަފުޅެއް ކަމަށެވެ.

ހައްސާން ވަނީ ސަރުކާރުން ނިންމުންތައް ނިންމާއިރު
ކައުންސިލުތަކާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކީ ވެސް ކައުންސިލުން ރުހޭ ބަދަލެއް ނޫން ކަމަށް
ވެސް އޭނާ ވިދާޅުވި އެވެ.

ފުޅަދޫ ކައުންސިލުގެ މެންބަރު ވިދާޅުވީ ކައުންސިލުން އެދުނީ
ރަށުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުން މަޑުކުރާނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށް ކަމަށެވެ.
ނަމަވެސް ސަރުކާރުން ހުށަހެޅީ ސަރުކާރުގެ އިސް ބޭފުޅުން ރަށަށް ވަޑައިގެން މަޑުކުރައްވާނެ އެކޮމޮޑޭޝަން
ބްލޮކެއް އެޅުމަށް ފަނަރަ ހާސް އަކަފޫޓުގެ ބިމެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް އެއީ ކައުންސިލުން އެދޭ ގޮތެއް
ނޫން ކަމަށް ހައްސާން ފާހަގަކުރެއްވި އެވެ. އެގޮތުން
ކައުންސިލާއި ރަށަށް ތަރައްޤީ ގެނެވޭނެ ޕްރޮޖެކްޓުތައް ހިންގަން ކައުންސިލުން
ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ހައްސާން ވިދާޅުވީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން
ކުރާ މަސައްކަތްތައް ބަލައެއް ނުގަނެވޭ ކަމަށެވެ. އަތޮޅު ކައުންސިލުތައް އުވާލުމުން ވެސް
ކައުންސިލަށް އެކި ކަހަލަ ދަތިތައް ކުރިމަތިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލުތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސަރުކާރުން
ނިންމާ ނިންމުންތަކުގައި ކައުންސިލުތަކުގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް
ކައުންސިލުތަކުން ވަނީ ކުރިން ވެސް ފާހަގަކޮށްފަ އެވެ.

ލާމަރުކަޒީ ނިޒާމު ބަލިކަށި ކުރުމަށް ސަރުކާރުން
ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކައުންސިލުތަކުގެ ފަރާތުން އެކި ފަހަރު މަތިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.