ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް ކަމަށް މާލީ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މާލެ ސިޓީ ކައުންސިލަށާއި މާލޭގެ ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް ނުހަނު ބޮޑު ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ. 

އެގޮތުން ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާއަކީ މާލޭގެ މަގުތައް މަރާމާތުކުރުމާއި މިސްކިތްތައް ބެލެހެއްޓުމާއި ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމާއި ދިމާވާ ކާރިސާފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ އިޖުތިމާއީ މުހިންމު ޚިދުމަތްތަކަށް ބޭނުންކުރަމުން އައި މައިގަނޑު ފައިސާ ކަމަށެވެ.

މި ފައިސާ ކައުންސިލުން އުނިކުރުމަކީ ރައްޔިތުންނަށް ދެމުންދާ މިފަދަ ޒަރޫރީ ޚިދުމަތްތައް ހުއްޓުމަކަށް އައިސް، މުޅި މާލޭގެ އާންމު މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ، އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މީގެ އިތުރުން، މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި، ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، ޓްރާންސްޕޯޓް ގާނޫނަށް އަދި ބިން އަތުލެވޭ ގާނޫނަށް ގެނެވުނު ބަދަލު މުރާޖައާކުރައްވާ، ކައުންސިލަށް ލިބެންޖެހޭ މާލީ ބާރުވެރިކަން އަނބުރާ ހޯދައިދިނުމަށް އާޒިމް ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފަ އެވެ. 

ނަމަވެސް އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި އޮފީހަކާއި އެޑްވައިޒަރީ ބޯޑަކާއި ފަންޑެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓް މަހު 31 ވަނަ ދުވަހު ތަސްދީގުކުރައްވާފަ އެވެ.