މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުރާސްފަތި ދުވަހު ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، ހުސައިން ޝާވިން (26އ) އާއި ތ. ތިމަރަފުށި، ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) އާއި ސ. ހުޅުދޫ، ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި މަހު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި މި އޮޕަރޭޝަންގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ޝާވިން އާއި މަރްޔަމް އިޝާ އަޝްރަފް 15 ދުވަހަށް އަދި މުހައްމަދު ނާއިލް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.