ދ. ހުޅުދެލި ސްކޫލުގައި ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ފާޅުކޮށްފި އެވެ. 

ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުޅުދެލި ސްކޫލުގައި އަޅަން ނިންމާފައިވާ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ކުރިއަށްނުދާ ކަމަށާއި، ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން އޭސީތައް ހަރުކޮށް ނިމުނުއިރު އަދިވެސް އޭސީތައް ބޭނުން ކުރަން ނުފެށޭ ކަމަށެވެ. 

އެގޮތުން ހުޅުދެލީގައި ގާއިމުކުރާ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތަކީ ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް ބިންގާ އެޅި މަޝްރޫއެއް ކަމަށެެވެ. ނަމަވެސް އޭގެ އަމަލީ މަސައްކަތެއް މިއަދާ ހަމައަށް ވެސް ކުރިއަށް ގޮސްފައިނުވާކަން ނަސްރު ފާހަގަކުރެއްވި އެވެ. 

މިއީ މިރަށުގައި ތިން ބުރީގެ މަލްޓި ޕާޕަސް ހޯލް އިމާރާތެއް އަޅަންވެގެން ކައުންސިލު އިންތިހާބަށް ވެގެން ކޮނެފައި އޮތް ވަޅުގަނޑެއް، މިތާ ބަންގްލާދޭޝް މީހުން އުޅޭ ދޯންޏަކުން 2 ބަންގްލާދޭޝް މީހުން ގެނެސްގެން ކޮނެލާފައި މިހުރީ، ހިމަހިމަ ދަގަނޑެއް ޖަހާފައި ކޮޅަށް ނަގާފައި މިހުރީ، ނުވެސް ވާނެ ދެއްތޯ މިހެން ބަހައްޓަން. މިއީ ކުދިން ކުޅޭ ސަރަހައްދު 
އަހުމަދު ނަސްރު

އަދި މަލްޓި ޕާޕަސް ހޯލް އަޅަން ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކަށް ކަމެއް ކައުންސިލަށް އަންގާފައިނުވާ ކަމަށް ނަސްރު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓަށް އަލިއަޅުއްވާލައްވާ ނަސްރު ވިދާޅުވީ، އެ މަޝްރޫއަށް އޭސީ ނެތިގެން ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން 15 އޭސީ ދީފައިވާނެ ކަމަށާއި، އޭގެ ފަހުން ސަރުކާރުން ވެސް އޭސީ ފޮނުވާފައިވާ ކަމަށެވެ. އަދި އޭސީ އަޅުވާފައި ހުންނަތާ 6 މަސްދުވަސް ވެފައިވާ ކަމަށް ނަސްރު ވިދާޅުވި އެވެ. 

ނަމަވެސް އޭސީތައް ނުޖެއްސި ހުރީ ކަރަންޓު ލުމުގެ ހަރަދު ސަރުކާރަށް ހަމަނުޖެއްސިގެން ކަމަށް ނަސްރު ވިދާޅުވި އެވެ. އަދި މިހާރު ކްލާސްތަކުގެ ދޮރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްކޫލްގެ ފަރާތުން ޕްރިންސިޕަލުގެ މުސާރަ ސްލިޕް ހަދަމުން ދިޔަ ނަމަވެސް، ޕްރިންސިޕަލަކު ސްކޫލްގައި ނެތް ކަމަށް ނަސްރު ވިދާޅުވި އެވެ. މިކަމުގެ ކަންބޮޑުވުން ޓީޗަރުން ފާޅުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.