ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން އުދަރެސް އަދި އަމާން ދޯދި
ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން
މަޝްވަރާކުރަމުންދާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް
ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، ސަލާމަތީ
ފިޔަވަޅުތައް އެޅުމުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް
ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، އެ ޔުނިޓުތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
އަދި ކުރިޔަށް އޮތް ތަނުގައި ހުރިހާ ފުލެޓުތަކުގައި ވެސް ސަލާމަތީ ފިޔަވަޅުތައް
އެޅުމަށް ނިންމާފައިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ މި ސަލާމަތީ ފިޔަވަޅުތަކަކީ ރައީސް ޑރ. މުހައްމަދު
މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

ޓަވަރުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު މި ފަހުން
ވަނީ އަމާން އުދަރެސް ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓި އެ ކުއްޖާ އަށް އެކި
ވަރުގެ އަނިޔާވެފަ އެވެ. މީގެ އިތުރުން ސްޓެލްކޯގެ ފްލެޓަކުން ދެ އަހަރުގެ ތުއްތު ކުއްޖަކު ވެއްޓި ވަނީ ނިޔާވެފަ އެވެ.