ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް
އެ ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓުން ގުޅައި، ސަރުކާރު ހިންގާ
މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނުމަށް މަޖުބޫރު ކުރަމުންދާކަން
ރާއްޖެޓީވީން ފަޅާއަރުވާލުމާ ގުޅިގެން، އެ މުވައްޒަފު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފި
އެވެ.

މި މައްސަލަ ފަޅާއަރާފައިވަނީ ބުރާސްފަތި ދުވަހުގެ
ހެނދުނު ރާއްޖެޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގައި
ރާއްޖެޓީވީގެ ޓީމުން ވަނީ ސްޓެލްކޯގެ އާދައިގެ މުވައްޒަފަކަށް ވެގެން އެ ކުންފުނީގެ
އެޗްއާރު ޑިޕާޓްމަންޓަށް ގުޅައިފަ އެވެ. އެގޮތުން ޕީއެންސީއަށް ވަނުމަށްފަހު، އެކަން
އެނގޭނެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމުން، އެޗްއާރުން ވަނީ
މުވައްޒަފަށް ކުރިން ފޮނުވާފައިވާ ލިންކަށް އެ ސްކްރީންޝޮޓް ފޮނުވުމަށް އަންގައިފަ
އެވެ.

ސްޓެލްކޯގެ އެޗްއާރުން އިތުރަށް ބުނެފައިވަނީ،
ޕާޓީއަށް ވަނުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އެކަން ކަށަވަރުވާ ލިއުމުގެ
ސްކްރީންޝޮޓެއް ނަގައި، ކުންފުނިން ދީފައިވާ ލިންކަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ.
މިއީ ސަރުކާރު ހިންގާ ޕާޓީގެ ދަފްތަރު ބޮޑުކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ
މުވައްޒަފުންނަށް ނުފޫޒު ފޯރުވަމުންދާކަމަށް ކުރެވޭ ތުހުމަތުތަކަށް ލިބުނު ބޮޑު ބާރެކެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި
ބުނީ، ރާއްޖެޓީވީގެ ޕްރޮގްރާމްގައި ދެކެވުނު ވާހަކަތަކާ ގުޅިގެން އެކަން ހިނގާފައިވާ
ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ
ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު
ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި
އަޅަމުން ގެންދާނެ ކަމަށްބުނެ، މުޅި މި މައްސަލައިގެ ޒިންމާ އަޅުވާފައިވަނީ
ކުންފުނީގެ އެޗްއާރްގެ ބޮލުގަ އެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުންޏަކީ
ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤައުމީ
ޒިންމާ އުފުލާ މުއައްސަސާއެއް ކަމަށެވެ. އަދި ކުންފުނީގެ މުޅި ޓީމުގެ އަމާޒަކީ 24 ގަޑިއިރު
މެދުކެނޑުމެއްނެތި އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، ކުންފުނީގެ ވަގުތާއި
ވަސީލަތްތައް ހޭދަކުރާނީ އެ ޤައުމީ ވާޖިބު އަދާކުރުމުގައި ކަމަށްވެސް އެ ބަޔާނުގައި
ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، ސަރުކާރުގެ
އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެންނާއި ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން
ޕީއެންސީއަށް މެންބަރުން އިތުރުކުރަމުންދާ ކަމުގެ ޝަކުވާތައް އާންމުންގެ މެދުގައި ބޮޑުވެފައިވާ
ދަނޑިވަޅެއްގަ އެވެ.