އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 155،700 ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ބުދަ ދުވަހު އެވެ. އެ ހުކުމްގައި ބުނެފައި ވަނީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޑެޓާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ 6 މީހަކު އުމްރާ އަށް ގެންދަން ފައިސާ ދެއްކުމުން ލަނޑު ދީފައިވާތީ އެ ފައިސާ އާއި ލިބުނު ގެއްލުން ހޯދުމަށް ކަމަށެވެ.
އުމްރާއަށް ދިޔުމަށް އެ މީހުން ދެއްކި 155،700ރ. އާއި މައްސަލަ
ޝަރީއަތަށް ހުށަހެޅުމަށް ހިނގި 42،000ރ. ހޯދުމަށް މައްސަލައިގައި އެދިފައިވެ އެވެ.
ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ އުމްރާ އަށް ގެންދާނެ ކަމަށް ބުނުމުން ދައްކާފައިވާ 155،250 ރުފިޔާ އަނބުރާ ދެއްކުމަށެވެ. އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަސްކޮއި ކުންފުނި އަދި އެ ކުންފުނީގެ ވެރިޔާ މއ. ފައިންޝޭޑް، އަބްދުﷲ ރަޝީދު ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިޔަ ކަމަށް ބުނާ ހަރަދަކީ ދައުވާ ލިބޭ ފަރާތުގެ ކިބައިން ނަގައި ދެވޭނެ ފައިސާކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރިއަތުގައި ސާބިތު ނުވާކަން ބަޔާންކޮށް ސިވިލް ކޯޓުން ވަނީ އެ ޚަރަދު ނަގައިދެވެން
ނެތްކަމަށް ނިންމާފަ އެވެ.
އަސްކޮއި ގްރޫޕުން ވަނީ އުމްރާއަށް
ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު އޮޅުވާލާފަ އެވެ. މި
މައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ
ބާތިލުކޮށް، އަސްކޮއި ގްރޫޕާއި މެދު ފިޔަވަޅު އަޅާފަ އެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އެ ކުންފުނީގެ މައްޗަށް ފައިސާ ދެއްކުމަށް ޙުކުމް ކޮށްފައިވެއެވެ. އެގޮތުން އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ އާއިލާއަކަށް 185،250ރ. ދޭން މިއަހަރުގެ ފެބްރުއަރީ މަހުވެސް ސިވިލް ކޯޓުން ޙުކުމް ކުރި އެވެ.