ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބޭއިންސާފުން ވަކިކުރުން ކުށްވެރިކޮށް
ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެޑްރެސްކޮށް ރައްޔިތުންގެ މަޖިލީހުގެ މާވަށު
ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ސިޓީއެއް ފޮނުއްވައިފި އެވެ.
ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ޝާކިރު ވިދާޅުވީ ސަރުކާރަށް
ނިސްބަތްވާ ކުންފުނިތަކުން އިންސާފެއް ނެތި މީހުން ވަކި ކުރުމަކީ ކަންބޮޑުވާންޖެހޭ
ކަމެއް ކަމަށެވެ. އަދި ސަރުކާރުން މި ކުރަމުންދާ ކަންތައް މެންބަރު ޝާކިރު ވަނީ
ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ނިސްބަތްވާ މުވައްޒަފުން ވަކި ކުރަމުންދަނީ
ބޭއިންސާފުން ކަމަށް ފާހަގަކޮށް މެންބަރު ޝާކިރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ
ނަމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ބޮޑެތި މުސާރަ ލިބޭ ގޮތަށް އައްޔަންކޮށްފައިވާ
މީހުން މަދުނުކޮށް، ބޭކާރު ޚަރަދު ކުރަމުން އަންނަ މަޝްރޫއުތައް މަދުނުކޮށް، ސަރުކާރުން
ބުރަޖައްސަމުން ދަނީ އިގްތިސާދީ ގޮތުން އެންމެ ނިކަމެތި ހާލުގައި ތިބި ދިވެހިންނަށް
ކަމަށެވެ.
މިގޮތުން ލ.މާވަށުން 7 މުވައްޒަފަކު އަ،ދި ލ.ކުނަހަންދޫ އިން 33 މުވައްޒަފަކު
ވަނީ އިދިކޮޅު އެމްޑީޕީ އަށް ތާއީދު ކުރުމުގެ ސަބަބުން ވަޒީފާ އިން ވަކި ކޮށްފައި ކަމަށް މެންބަރު ޝާކިރު ވިދާޅުވި އެވެ. އަދި ލ.ހިތަދޫ އިން 6 މުވައްޒަފަކަށް
ވަޒީފާ އިން ވަކި ކުރާނެ ކަމުގެ ބިރު ދައްކައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ސޮއި ކުރުމަށް
މަޖުބޫރު ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ. މެންބަރު ޝާކިރު ވިދާޅުވީ
މިފަދަ އަމަލުތަކަކީ އަސާސީ އިންސާނީ ހައްގުތަކާއި، މަސައްކަތްތެރިންގެ
ހައްގުތަކާ ޚިލާފު ކަމެއް ކަމަށެވެ.
މިހެންކަމުން ސިޔާސީ ބޭނުމުގައި ކުރެވޭ މިފަދަ އަމަލުތައް ހުއްޓާލުމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގައި ނިކަމެތި އާއިލާ ތަކަށް އޭގެ އަސަރު ކުޑަވާނެހެން
އަމަލު ކުރުމަށް މެންބަރު ޝާކިރު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ހއ.ބާރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒަފުން ޕީއެންސީ އަށް
ސޮއިކުރަން އަންގަމުންދާ ކަމުގެ މައުލޫމާތު ބުދަ ދުވަހު ވަނީ ފެންމަތިވެފައި އެވެ.
މީގެ އިތުރުން ސަރުކާރުގެ އެސްއޯއީ ތަކަށް ނިސްބަތްވާ އެތައް ބަޔަކު ދަނީ
ވަޒީފާތަކުން ވަކި ކުރަމުންނެވެ. މިކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުންގެ
އިތުރުން، ރަށްރަށުގެ ކައުންސިލުތަކުން ވެސް ދަނީ ފާޅު ކުރަމުންނެވެ.