ފަތުރުވެރިކަމުގެ ސިނާއަތް އެއްވެސް މީހަކަށް ވާނުވާ ނޭނގޭ ހާލަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދުއްވަވާ ލައްވަވަފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ގެންނަވާ ބަދަލުތަކުން ދިވެހިރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާކަމަށާއި ފެނިގެން ދަނީ ދިވެހިރާއްޖޭގެ އިގުތިސާދު ބޮޑު ތަނުން ފުނޑިގެން ދާތަން ކަމަށެވެ.

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަށް އަލި އަޅުއްވާލާ މެންބަރު ދީދީ ވިދާޅުވީ މި ބަދަލު ގެނައީ ޓްރެވަލް އެޖެންޓުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ޑެސްޓިނޭޝަން ޕްރިންސިޕަލް ގަވާއިދު ތަކުގައި ޓެކްސް ދައްކަން ޖެހޭ ގޮތަށް އޮންނަނީ ކޮންސިއުމް ކުރާ ޑެސްޓިނޭޝަން ތަކަށް ކަމަށް ދީދީ ވިދާޅުވި އެވެ. 

ދީދީ ވިދާޅުވީ މިހާރު އޮތް ގޮތުން ޑަބަލް ޓެކްސް ދައްކަން ޖެހޭތީ ދިވެހިރާއްޖެއަށް ނުދާނެ ކަމަށް ބައެއް ޓްރެވަލް އެޖެންޓުން ބުނާ ކަމަށެވެ. އެހެންކަމުން ގެއްލުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް ދީދީ ވިދާޅުވި އެވެ. 

އެއްވެސް ވަރަކަށް މީގެ ކަމަކާ މަޝްވަރާ ނުކުރޭ، ޓްރެވަލް އެޖެންޓުން އެބަ ގުޅާ ހަބަރެއް ލިބިއްޖެ އޭ ކިހިނެއް ހޭ ހަދަން ވީ، ތިމަންނަމެންނަށް މީރާއޭ ކިޔާ ތަނެއް ނޭނގެއޭ ތިމަންނަމެންނާ ގުޅުން އިންނަ ބައެއް ނޫނޭ. ކިހިނެއް ހޭ ތިމަންނަމެން އެމީހުންނާއި ވާހަކަ ދައްކާނީ އަނެއްކާ ތިމަންނަމެން ދިވެހިރާއްޖެއަށް ގެސްޓުން މި ފޮނުވަނީ ދިވެހިރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ގުޅިގެން ނޫނީ ސީދާ ޑައިރެކްޓްލީ ރިސޯޓްއާއި ގުޅިގެންނޭ
މެންބަރު އަހުމަދު ދީދީ

މި ބަދަލުގެ ވާނުވާއެއް ޓްރެވަލް އެޖެންޓުން އަދި އިތުރު އެއްވެސް ބަޔަކަށް ވެސް ނޭނގޭ ކަމަށާއި ރައީސް މުއިއްޒު މިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ވާނުވާއަށް ދުއްވާލާފައި ކަމަށް ދީދީ ވިދާޅުވި އެވެ.

ބޭރުގެ ޓްރެވަލް އެޖެންޓުން އަތުން ޓެކެސް ނެގުމަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވެސް ކަންބޮޑުވުން ފާޅުކޮށް މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ހައްލެއް ނާންނާނެ ކަމަށް ބުނެ ބަޔާން ނެރިފައިވެ އެވެ.