ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ދ. ހުޅުދެލި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ. 

ދ. ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނަސްރު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެތަނުގެ މަސައްކަތް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި ފެށި ނަމަވެސް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިީމް އެ ރަށަށް ވަޑައިގެން ދ. ހުޅުދެލި ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ 2026 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. 

މި މަޝްރޫއަކީ 720 ދުވަސްތެރޭގައި ނިންމަން ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވާ މަޝްރޫއެއްކަން ފާހަގަކުރައްވާ، ނަސްރު ވިދާޅުވީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ނުދަނީ ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މިހާތަނަށް ކޮންޓްރެކްޓަރު ލައްވާ މިހާ ބުރަ މަސައްކަތެއް ކޮށްފައި ކޮންޓްރެކްޓަރަށް ދޭން ޖެހޭ ލާރި އަދިވެސް ނުލިބޭ. މިހާރު 500،000 ރުފިޔާ ކޮންޓްރެކްޓަރު އިހަށް ދުވަހު ވެސް އަޅުގަނޑަށް ހަމަ ރޮއެފަ ވާހަކަ ދެއްކީ ސަރުކާރުން ނުލިބިގެންނޭ މިއުޅެނީ، މިހާރު ކޯޓަށޭ މިދަނީ
އަހުމަދު ނަސްރު

ހުޅުދެލި ހެލްތު ސެންޓަރުގައި މިހާރު ހުރީ 4 ވަރަކަށް އެނދު ކަމަށާއި، ރޯގާއެއް ރަށުގައި ފެތުރިއްޖެނަމަ، އެތަން ފުރޭތީ، އެކްސްޓެންޝަން އިމާރާތަކީ ވަރަށް މުހިއްމު އިމާރާތެއް ކަމަށް ނަސްރު ވިދާޅުވި އެވެ. 

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މީގެ ކުރިން ލެބޯޓްރީއެއް ގާއިމުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ނަސްރު ވިދާޅުވީ، ޖެނުއަރީ މަހުގެ ތެރޭގައި މިނިސްޓަރު ވަޑައިގެން އެ ހިދުމަތް ވެސް އިފްތިތާހު ކޮށްދެއްވި ނަމަވެސް، އަދިވެސް ލެބޯޓްރީއަށް ބޭނުންވާ ސާމާނު ވެސް ފޮނުވާފައިނުވާ ކަމަށެވެ.