ރަށްރަށުގައި ހުރި ފެނަކަ އޮފީސްތަކުގައި މަސައްކަތް ކުރާ އެމްޑީޕީއަށް އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުން ޕީއެންސީއަށް ސޮއިކުރުމަކީ ވަޒީފާ ހިމާޔަތް ކުރަން ލިބެނެ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ވަންނަން މަޖުބޫރު ކުރަމުން ދާތީ ގިނަ އަދަދެއްގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.   

ހއ. ބާރަށު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ މުވައްޒަފެއް މި ކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، އެރަށުގެ ފެނަކަ ހިންގަން ހަވާލުވެ ހުރި މެނޭޖަރު، އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުންނަށް ވަކި ވަކިން ބައްދަލުކޮށް އަދި ގުޅާފައި ޕީއެންސީއަށް ސޮއި ކުރުމަށް އަންގަމުންދާ ކަމަށެވެ. 

ފެނަކަ މެނޭޖަރު އެކަން ކުރަމުން ގެންދަނީ ފެނަކަ ހެޑް އޮފީހުން އަންގައިގެން ކަމަށް ބުނަމުންދާ ކަމަށް ވެސް އެ މުވައްޒަފު މައުލޫމާތު ދިނެވެ. އަދި ވީ އެންމެ އަވަހަކަށް ޖަވާބެއް ދިނުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާރު ހަވާލުވެ ހުރި ފެނަކަ މެނޭޖަރު އެބަ ބުނޭ ޕީއެންސީއަށް ސޮއި ކުރުމަށް، ދެން ވީ އެންމެ އަވަހަކަށް އެކަން ކުރުމަށް. އީފާސް އިން ވެސް ކުރެވޭނެ ކަމަށް، ދެން ނުވެއްޖިއްޔާ އެހީތެރިކަން ބޭނުން ވަންޏާ އެހީތެރިކަން ވެސް ދޭނެ ކަމަށް  
ހއ. ބާރަށު ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފެއް

އެގޮތުން މުވައްޒަފުންނަށް ފޮނުވާ މެސެޖުގައި ކުންފުނީގެ ކަންކަން ހުރިގޮތުން ފެނަކައިގައި އުޅޭ ކޮންމެ މުއައްޒަފަކީ، ޕީއެންސީ އަށް ނިސްބަތްވާ މީހަކަށް ވުމުން، އެއީ އެ މުވައްޒަފެއްގެ ވަޒީފާ ހިމާޔަތްކުރުމަށް ފެނަކަ މެނޭޖަރަށް އިތުރަށް ލިބޭ ބާރަކަށްވާނެ ކަމަށް ބުނެ ޕީއެންސީއަށް ސޮއި ކުރުމަށް އަންގާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން އިތުރު މުވައްޒަފަކު ވެސް ބުންޏެވެ.

މީގެއިތުރުން، ހއ. އުތީމު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ވެސް މަޖުބޫރު ކުރަމުންދާ ކަމަށް އޭނާ ބުނި އެވެ. 

އަދި ސްޓެލްކޯގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި އޭނަ އަކީ ދަންގެތި ސްޓެލްކޯ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ޕީއެންސީއަށް ނިސްބަތްނުވާ ހަމައެކަނި މުވައްޒަފު ކަމަށާއި، އޭނާ އަށް ވެސް ޕީއެންސީއަށް ވަންނަން މަޖުބޫރުކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މުވައްޒަފުން ނޯޓިސް ދިނުމެއްނެތި ރަށްރަށުގެ ފެނަކަ އަދި ސްޓެލްކޯ ބްރާންޗްތަކުގެ ވަޒީފާ އިން ވަކިކުރަމުން އަންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މުވައްޒަފުންނަށް ވަޒީފާ އަނބުރާ ދިނުމަށް ގޮވާލާ ށ. ފޯކައިދޫގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.