ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ކޮލިފަޔަރ ބުރު ނިންމާލައި، މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާއަކު ހޮވިއްޖެ އެވެ. ޔޫރޯ މާކެޓިންގްގައި ހުންނަ ލަވާޒާ ބަރިސްޓާ ޓްރެއިނިންގް ސެންޓަރުގައި އޮގަސްޓު މަހުގެ 30 އިން 31 އަށް ކުރިއަށްދިޔަ މި ކޮލިފަޔަރ ބުރަކީ ވަރަށް ވާދަވެރި ހަރަކާތެކެވެ.

މި މުބާރާތަކީ ކޮފީ ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުނަރުވެރި ބަރިސްޓާއިންގެ މެދުގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ކޮފީ ތައްޔާރުކުރުމުގެ ފަންނާއި އުފެއްދުންތެރިކަމާއި ފަންނީ ހުނަރުގެ އިތުރުން މި މަސައްކަތަށް ހުންނަ ޝައުގުވެރިކަން ދައްކާލައި، ރާއްޖޭގެ އެންމެ މޮޅު ބަރިސްޓާ ހޮވުމެވެ. މިގޮތުން ހޮވޭ ނަސީބުވެރިޔާއަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮލިފަޔަރ ބުރުގެ ކުރިން ބައިވެރިންނަށް ވަނީ ޔޫރޯ މާކެޓިންގްގެ ލަވާޒާ ޓްރެއިނިންގް ސެންޓަރުގައި ތަމްރީނުތަކެއް ދީފަ އެވެ. މި ތަމްރީނުތަކުގެ ސަބަބުން ބައިވެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. ކޮލިފަޔަރ ބުރުގައި ބައިވެރިން ވަނީ އެމީހުންގެ ފަންނީ ގާބިލުކަމާއި ދަސްކުރި ކަންތައްތައް އަމަލީގޮތުން ދައްކާލާފަ އެވެ.

މި މުބާރާތުގެ ގައުމީ ފައިނަލް އޮންނާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަންގަ އެވެ. ފައިނަލަށް ހޮވުނު 10 ބަރިސްޓާއިންގެ މެދުގައި ކުރިއަށްދާ މި ވާދަވެރި ބުރުން ހޮވޭ ގައުމީ ޗެމްޕިއަނަށް، 2027 ވަނަ އަހަރުގެ އޭޕްރީލް މަހު އިޓަލީގެ ޓިއުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ލަވާޒާ ބަރިސްޓާ ޗެލެންޖުގެ ބައިނަލްއަގުވާމީ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތުގައި ބައިވެރިން ހޮވާއިރު ހަމައެކަނި ކޮފީ ތައްޔާރުކުރުމުގެ އިތުރުން، އެމީހުންގެ އުފެއްދުންތެރިކަމާއި ޝަޚުސިއްޔަތާއި ބޭނުންކުރާ ތަކެތީގެ ފެންވަރާއި އެސްކްޕްރެސޯ ބްރޫ ކުރުމުގެ އުކުޅުތަކަށް ބަލާނެ އެވެ. މިއީ ބަރިސްޓާއިންގެ ފަންނީ ހުނަރުގެ އިތުރުން އެމީހުންގެ އަމިއްލަވަންތަކަން ދައްކާލުމަށް ލިބޭ ބޮޑު މަންސައެކެވެ. 

ރާއްޖޭގައި ލަވާޒާގެ ރަސްމީ ޑިސްޓްރިބިއުޓަރ ކަމަށްވާ ޔޫރޯ މާކެޓިންގް އިން އިންތިޒާމުކުރާ މި މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަނުގެ ފުރުސަތެކެވެ. އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ ފައިނަލުގައި ރާއްޖޭގެ ޗެމްޕިއަން ވާދަކުރާނީ އެހެން ގައުމުތަކުގެ ޗެމްޕިއަނުންނާ އެކުގަ އެވެ.