ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގު ކުރުމާއެކު، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު ބޭންކުތަކަށް މާރުކުރުން ލާޒިމުވުމާއެކު، ރިސޯޓުތައް ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ގާނޫނަށް ގެނައި ބަދަލާއެކު  ރިސޯޓުތަކުން މީގެކުރިން، ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތްއޮތުމުގެ ބަދަލުގައި، ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ވަނީ ލާޒިމު ކޮށްފަ އެވެ.

ގާނުނަށް ގެނައި ބަދަލުގައި ޓާގެޓް ކޮށްފައިވަނީ ރިސޯޓުތަކަށް ކަމަށްވުމާއެކު، މި ބަދަލާއެކު ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ ރިސޯޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ، މީގެ ސަބަބުން، ސަރުކާރަށް ލިބޭ ބޭރު ފައިސާ އިތުރުވެގެންދާނެ ކަމަށެވެ. އަދި "މާ ފަސޭހައިންވެސް، މި 40 އިންސައްތަ މާރުކުރެވޭނެ،" ކަމަށެވެ.

ރިސޯޓުތަކުގެ ގްރޮސް އިންކަމް އިން 40 އިންސައްތަ މާރުކުރުމުން ސަރުކާރަށް ބޭރު ފައިސާ ލިބޭނެ މިންވަރު އިތުރުވެގެންދާއިރު، ރިސޯޓުތައް ހިންގުމުގައި ބޮޑެތި ގޮންޖެހުން ކުރިމަތިވާނެ ކަމަށާއި، މިކަމުގެ ސަބަބުން އިންވެސްޓަރުން ފަސް ޖެހޭނެ ކަމަށް މި ނޫހާ ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މިކަން ހިނގާ ގޮތް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ގްރޮސް އިންކަމްގެ މާނައަކީ ޓެކްސް އަށް ނުކަނޑާ ލިބޭ އާމްދަނީން 40 އިންސައްތަ މާރުކުރުން ކަމަށްވުމާއެކު، ޓެކްސްތަކާއި ފީތައް ޑޮލަރުން ދައްކަން ޖެހޭ އިރު އާޚިރުގައި، އާމްދަނީގެ 80 އިންސައްތަ ވަރު ޑޮލަރުން ސަރުކާރަށް ދައްކަން ޖެހޭނެ ކަމުގަ އެވެ.

"މިހާރު ބައްލަވާ، އެ ބުނަނީ ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް، ކިހިނިއްތޯ ދަތިކަމެއް ނާންނާނީ، ޓީޖީއެސްޓީ ދައްކަނީ ޑޮލަރުން، އިންކަމް ޓެކްސް ދައްކަނީ ޑޮލަރުން، ގްރީން ޓެކްސް ދައްކަނީ ޑޮލަރުން، ރަށުގެ ކުލި ދައްކަނީ ޑޮލަރުން، ވިތުހޯލްޑިން ޓެކްސް ދައްކަނީ ޑޮލަރުން، އަދި މުވައްޒަފުންގެ ޕެންޝަނަށް ރިސޯޓުން ދައްކާ ފައިސާ ވެސް މި ދައްކަނީ ޑޮލަރުން، މިއީ އެ ވިިދާޅުވާ 40 އިންސައްތައިގެ އިތުރުން ޑޮލަރުން ދައްކާ ފައިސާ؛" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ އަކީ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން 17 އިންސައްތަ ނަގާ ޓެކްސް އެއް ކަމަށާއި، ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ފަތުރުވެރިއަކަށް 12 ޑޮލަރު ނަގާ ކަމަށާއި، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 12 އިންސައްތަ ނަގާ ކަމަށާއި، އިންކަމް ޓެކްސްގެ ގޮތުގައި 15 އިންސައްތަ ނަގާ ކަމަށާއި، ޕެންޝަންގެ ގޮތުގައި ރިސޯޓުން ދައްކާ 7 އިންސައްތަ ޑޮލަރުން ދައްކާ ކަމަށެވެ.

"ދެން މިހުރިހާ އެއްޗެއް ޑޮލަރުން ދައްކާފައި، އަދި ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރީމާ، ރިސޯޓު ހިންގާނީ ކިހިނެއްތޯ،" އޭނާ ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން އެސްޓީއޯގެ ފިއުލް ސަޕްލައިޒް އަށް ތެލުގެ ފައިސާވެސް ދައްކަނީ ޑޮލަރުންނެވެ.

"ރިސޯޓުތަކަށް ބޭނުންވާ ހުރިހާ ސާމާނަކީ، ކާބޯތަކެއްޗަކީ ވެސް ބޭރުން ގެންނަ އެއްޗެހި، އެއަށްވެސް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން،" އޭނާ ވިދާޅުވި އެވެ.

މިހުރިހާ ކަމެއް މިހެން ހުރި އިރު ވެސް ރައީސް މުއިއްޒު ވިދާޅުވީ، "ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ،" ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނީވިއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނޫނީވިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ، 40 އިންސައްތަ މާރުކޮށްގެނެއް، އެއީ ޔަޤީންކަމެއް،" ކަމުގަ އެވެ.

ސަރުކާރުން ކުއްލި ގޮތަކަށް މި ގެނައި ބަދަލަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން ގެނައި ބަދަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަނީ ވަރަށް ބޮޑަށް ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން މިއިން އެއްވެސް ބިލެއް ފަރުމާކުރިއިރުގައިވެސް އަދި ދިރާސާކުރުމުގައިވެސް އަދި އެއްވެސް ކަމެއްގައި ބަލަންޖެހޭ ކަންކަމަށް ނުބަލައެއް ނުހުންނާނެ. ފަންނީގޮތުން ބަލަންޖެހޭ ކަންކަން، އެއްކުރަންޖެހޭ ޑޭޓާ އެއްކޮށް، ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން މަޖިލީހަށް ފޮނުވަނީ. އަދި މަޖިލިސް ތެރޭގައި ބަލަންޖެހޭ ކަންކަން ބަލާފައި މި ފާސްކުރަނީ."

ސަރުކާރުން ކުއްލި ގޮތަކަށް ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލާގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީ ކަންބޮޑުވެފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވީ، "އަޅުގަނޑުމެންނަކީ ވިޔަފާރިތަކަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭން މަސައްކަތްކުރާ ފަރާތްތައް،" ކަމުގަ އެވެ.