ހއ. ހިރިމަރަދޫ އަކީ ފަޅު ރަށެއް ކަމަށް ކަނޑައަޅައި، އިދާރީ ދާއިރާތައް
ލާމަރުކަޒީ ގާނޫނުން ހިންގުމުގެ ގާނޫނާ ޚިލާފަށް އެ ރަށުގެ ކައުންސިލް އުވާލި މައްސަލައިގައި އިދިކޮޅު އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް
މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން
ފަށައިފި އެވެ.
އަންގާރަ ދުވަހު އެޗްއާރްސީއެމް އިން އެމްޑީޕީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބަލަމުންދާ ކަމަށާއި، މައްސަލަ ބަލައި
ނިމުމުން ވީ އެންމެ އަވަސް ފުރުސަތެއްގައި ޖަވާބެއް ދޭނެ ކަމަށެވެ.
ހިރިމަރަދޫ ފަޅުކުރުމުގެ މައްސަލައިގައި އެމްޑީޕީ އިން ވަނީ ކަންބޮޑުވުން
ފާޅުކޮށްފަ އެވެ. އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި ހިރިމަރަދޫ އަކީ މީހުން
ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައަޅައި، އެ ރަށު ކައުންސިލް އުވާލުމަކީ އެ ރަށުގައި
މިހާރު ދިރިއުޅެމުންދާ 305 ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބޭނެ ކަމެއް
ކަމަށެވެ. އެގޮތުން އެ ރަށު ރައްޔިތުންނަށް އިގުތިސާދީ ގޮތުން އަދި އިޖުތިމާއީ
ގޮތުން އެތައް ތަކުލީފަކާ ކުރިމަތިލާން ޖޭހޭނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.
އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ނާޖާއިޒު ސިޔާސީ ބޭނުމެއް ފުއްދުމަށް ކަމަށެވެ.
އަދި މި އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް
ކުރާނެ ކަމަށް އެ ޕާޓީ އިން ބުނެ އެވެ.