ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އިތުރު އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް ރަށްރަށުގައި ތިބި އާއިލާތަކުން ދަނީ ކައިގެން ބޮއެގެން އުޅެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، މިހާ ބޮޑަށް ރައްޔިތުން ނިކަމެތި ކުރި ސަރުކާރެއް އަދި ނާންނަ ކަމަށެވެ. އެގޮތުން، އެކިއެކި ބަހަނާތައް ދައްކާ ރައްޔިތުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އިހުސާން ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ނިކަމެތި ކުރަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށެވެ. 

އިހުސާން ވަނީ ނާލާފުށި ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ނާލާފުށިން ގާތްގަނޑަކަށް ފެނަކައިގައި މަސައްކަތް ކުރާ 17 މުވައްޒަފުން ކަނޑާލައިފި. މިއިން ކޮންމެ މުވައްޒަފަކީ ވަކި އާއިލާއެއްގެ މެންބަރެއް، ރަށުގައި ދިރިއުޅޭ އާބާދީ މިއުޅެނީ 300 އެއްހާ މީހުން، މިއިން ކޮންމެ ކުއްޖެއްގެ ފެމެލީގައި 4،5 މީހުން ހިމެނޭ ކަމުގައި ވާނަމަ އެއީ ގާތްގަނޑަކަށް ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީގެ ދެބައިކޮށްފައި އެއްބައި، އެހެންވީމަ މި މީހުން މިހާރު ކަޑައްތު ކުރަމުންދާ މުއްދަތަކީ ސަވައިވަލް، ދިރިތިބޭނެ ގޮތެއް ހޯދުން 
މުހައްމަދު އިހުސާން

މީގެ އިތުރުން، މަސްވެރިކަމާއި ކުދި ވިޔަފާރިތައް ހުއްޓިފައިވާކަން އިހުސާން ފާހަގަކުރެއްވި އެވެ. އަދި ދިރިއުޅުމުގެ ހާލަތު ދަށްވެ ރައްޔިތުން ތިބީ އެމީހުން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ހާލަތެއްގައި ނޫން ކަމަށާއި ތަކެތީގެ އަގު ބޮޑުވަމުން ދާތީ ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވުމެއްގައި ކަމަށް އިހުސާން ވިދާޅުވި އެވެ.