މާލެ އާއި ވިލިމާލެ އާ ދެމެދު އިންޑިއާ ސަރުކާރުން އަޅާ ބްރިޖުގައި ހިންގަވާފައި ވަޑައިގަތުމާއެކު "އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކަށް އަރައިފި އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން މާލެއާއި ވިލިމާލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ މަސައްކަތްތައް ސަރުކާރުގެ މިނިސްޓަރުންނާއެކު ރައީސް މުޢިއްޒު އާދީއްތަ ދުވަހު ވަނީ ބައްލަވާލައްވާފަ އެވެ.

މި ޚަބަރު އިންޑިއާގެ މީޑިއާ އިން ގެނެސްދިން އިރު މި ޒިޔާރަތުގައި ރައީސް ވަނީ އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ބިނާއެއްގެ ގޮތުގައި ސިފަކުރައްވާފައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރު (ޖީ. ބާލަސުބްރަމާނިއަން) އާއި މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސް ކުންފުނީގެ އިސްވެރިންނާއެކު، ރައީސް މުޢިއްޒު ވަނީ 6.74 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިމާލެ ގުޅުވައިދޭ ބަޔަށް އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ފާހަގަ ކުރި އިންޖިނިއަރުންގެ ދުވަހު ވަޑައިގެންފަ އެވެ. މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ފަހު ސެގްމަންޓް ގުޅާލާފައިވަނީ މިދިޔަ ހަފުތާގަ އެވެ. އެއާއެކު މި ދެ ރަށް އެއްގަމު މަގުން ފުރަތަމަ ފަހަރަށް ވަނީ ގުޅާލެވިފަ އެވެ.
"މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ އަދި ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމްރާނީ ތަރައްގީގެ މަޝްރޫއެއް،" ރައީސް މުޢިއްޒު ވިދާޅުވި އެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރާއި ހައިކޮމިޝަނަރު ދެއްވާ އަހަންމިއްޔަތަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މަސައްކަތް ކުރިއަށްދާ ސައިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ރަށް ފިޒިކަލްކޮށް ގުޅާލެވުމަކީ މި މަޝްރޫއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑުގައި ކުރިއަށްދާނަމަ، ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުން - 30 އޮގަސްޓް 2026|ރައީސް އޮފީސް
500 މިލިއަން ޑޮލަރުގެ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަކީ ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާގެ އެހީގައި ފެށި މަޝްރޫއެކެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. މިއީ ގައުމުން ބޭރުގައި އިންޑިއާ އިން ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢު އެވެ. މި މަޝްރޫއުގެ މަގްސަދަކީ މާލެއާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލައި، ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް، އިޖުތިމާއީ ގުޅުން ވަރުގަދަކުރުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އެއް މަޝްރޫއު ކަމަށްވާއިރު، މިއީ ސަރަހައްދީ ތަރައްގީގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައިގަނޑު އެއް ތަނބުގެ ގޮތުގައި އިންޑިއާގެ މީޑިއާ އިން ސިފަކޮށްފައިވެ އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ނުވަތަ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވަނީ|ރައީސް އޮފީސް
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުޢިއްޒުގެ ރިޔާސީ ކެމްޕޭން ބިނާކުރެއްވީ "އިންޑިއާ އައުޓް" ޝިއާރުގެ މައްޗަށް ކަމަށް ވީނަމަވެސް، ފަހަކަށް އައިސް އިންޑިއާއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ކަމަށް މި ޚަބަރާ ގުޅިގެން އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ކުރެއްވި މި ޒިޔާރަތަކީ، މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމާއި، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ގުޅުންތައް އާ އުސްމިނަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ވެސް އިންޑިއާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެ އެވެ.