ނިމިދިޔަ އޮގަސްޓު މަހު އެކަނި ވެސް ސްކޭމްގެ މައްސަލަތަކުގައި 1.9 މިލިއަން
ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ފުލުހުން ހާމަކޮށްފައިވަނީ
އޮގަސްޓު މަހުގައި ޖުމްލަ 184 ސްކޭމްގެ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި ޖުމްލަ 1،962،260 (އެއް މިލިއަން ނުވަ ލައްކަ ފަސްދޮޅަސް
ދެހާސް ދުއިސައްތަ ފަސްދޮޅަސް) ރުފިޔާ ގެއްލިފައިވާ ކަމަށެވެ.

ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް|ސޯޝަލް މީޑިއާ
މި ސްކޭމްތައް ހިންގުމަށް
ބޭނުންކޮށްފައިވާ މަންސަތަކަށް ބަލާއިރު، އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކާއި އައިބޭ، ފޯނު ކޯލް، ގޮތް ނޭނގޭ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް
މެދުވެރިކޮށް މިފަދަ އަމަލުތައް ހިންގާފައިވާކަން ފާހަގަކުރެވެ އެވެ. މީގެ
ތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އީ-ކޮމާސް ނުވަތަ އޮންލައިން
ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެންނެވެ. އެގޮތުން އީ-ކޮމާސްގެ 79 މައްސަލައެއް
އޮގަސްޓު މަހު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ދެން އެންމެ
ގިނައިން ހުށަހަޅާފައި ވަނީ ފައިސާ މާރުކުރުމާ ގުޅޭ ސްކޭމްގެ މައްސަލަތަކެވެ. މި
ބާވަތުގެ 43 މައްސަލައެއް ހުށައަޅާފައިވާއިރު، ބުކިންގް ކެންސަލޭޝަން އަދި
ރިފަންޑް ސްކޭމްއާ ގުޅޭ 20 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައި އެވެ. މީގެ
އިތުރަށް އިންޕާސަނޭޝަން އަދި އަންއޮތަރައިޒް ޓްރާންސެކްޝަންސްގެ 12
މައްސަލައަކާއި އެހެނިހެން 18 ސްކޭމްގެ މައްސަލައެއް ހުށައަޅާފައިވާ ކަމަށް
ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް
ކަމާ ބެހޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު 1،129،106 (އެއް
މިލިއަން އެއް ލައްކަ ނަވާވީސް ހާސް ސަތޭކަ ހަ) ރުފިޔާ ވަނީ އަލުން ހޯދާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސްކޭމްތަކުން
ސަލާމަތްވުމަށް ނުދަންނަ މީހުންނަށް ފައިސާ ނުފޮނުވުމަށާއި ފައިސާ މާރުކުރާ އިރު
ލައިސެންސް އޮންނަ އެކްސްޗޭންޖަރުން ބޭނުންކުރަން ފުލުހުން ވަނީ ރައްޔިތުންގެ
ފަރާތުން އެދިފަ އެވެ. އަދި ބޭންކިންގ އައިޑީ އެއްވެސް ފަރާތަކަށް ހިއްސާ
ނުކުރުމުށް ފުލުހުން ވަނީ ބުނެފަ އެވެ.