ފެނަކަ ކޯޕަރޭޝަންގެ
ފ. ބިލެއްދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ އަންހެން މުވައްޒަފަކު، އޭނާ ވިހައިގެން
ހޮސްޕިޓަލުގައި އޮއްވައި ވަޒީފާއިން ވަކިކޮށްފި އެވެ.

މި ކަމާ ގުޅިގެން އެރަށު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ފެނަކަ ކުންފުންޏަށް
ވަނީ އަމާޒުވެފަ އެވެ.

މައުލޫމާތު
ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ 28 އޯގަސްޓުވީ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 ހާއިރު އެވެ. އޭރު އޭނާ ވިހެއިތާ
ގަޑިއިރެއް ވެސް ނުވެ އެވެ.

ފެނަކައިން
އެ މުވައްޒަފަށް ފޮނުވި ލިއުމުގައި ބަޔާންކޮށްފައިވަނީ އޭނާ މަގާމުން ވަކިކުރީ ކުންފުނީގެ
ރިޑަންޑެންސީ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރީ ދެ މަސް ދުވަހުގެ
ނޯޓިސްއަށްވާ ފައިސާއާއެކު ކަމަށާއި، އެ ފައިސާ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި
އޭނާގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ފެނަކައިގެ އާދައިގެ މުވައްޒަފުން
ވަޒީފާތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުގެ ސިޔާސީ ބޮޑެތި މަގާމުތަކަށް
ބޮޑު މުސާރައިގައި މީހުން އައްޔަނު ކުރަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އަދި ފެނަކައިގެ
އެކި ބްރާންޗުތަކުން މި ފަހަކަށް އައިސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ
މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކުންފުނި ހިންގުން ހަރުދަނާކުރުމުގެ ނަމުގައި މުވައްޒަފުން
ވަކިކުރަމުންދާއިރު، މީގެ ކުރިން ވެސް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމެއް ނެތި
ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.