ދިވެހިރާއްޖޭގައި ދޮންވެ ފައްކާވެފައި އޮތް ލާމަރުކަޒީ ނިޒާމު މި ހިނގަމުންދާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ނައްތާލަމުން ކަމަށް ގާނޫނީ
ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުސްތަފާ
ވިދާޅުވީ ރައީސް މުއިއްޒު ތަސްދީގުކުރައްވާފައިވާ ކައުންސިލުތަކުގެ ބިންތައް އަތުލެވޭ
ގާނޫނުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރަށްރަށުގެ ކައުންސިލަރުންގެ މަގާމު
އުވާލައި އެ ރަށްރަށަށް އަލުން ކަތީބުން އައްޔަނުކުރައްވާނެ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަސް
ތެރޭގައި، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހުރިހާ ފޮނި
މީރުކަމެއް ނައްތާލާއި ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.
އަޅުގަނޑުމެން ފުރަތަމަ ބުނިން އަތޮޅު ކައުންސިލުތައް އުވާލަނީ ފަޅުތަކާއި ރަށްތަކުގެ ބޭނުމުގައޭ. ދެން ކައުންސިލުތައް ވެސް އުވާލާނީ. އަދި ހަމަ މި ގާނޫނުގެ ތެރޭގައި އުފަންވެގެން އަންނާނެ ކައުންސިލަރުން ވެސް ނައްތާލަން. ނައްތާލައި ކުރީގައި ހުރިގޮތަށް ކަތީބުން މިތަނަށް ގެންނާނެ. ގެނަޔަސް މުޅި ލާމަރުކަޒީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް، ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ އެންމެހާ ފޮނި މީރުކަމެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ނައްތާލާނެމުސްތަފާ ހަމީދު
މިހާރު ސަރުކާރުގެ ނިޒާމުތައް ބަދަލުވެގެން ދަނީ ޑިމޮކްރަސީ އިން
ކްލެޕްޓޮކްރަސީ ނިޒާމަކަށްކަން ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ، މި ނިޒާމުގެ
ތެރެއިން ހަދާ ގާނޫނުތަކުގެ ފައިދާ ވެގެންދާނީ ރައްޔިތުންނަށް ނޫން ކަމަށާއި، ފައިދާ ވާނީ ގާނޫނު ހަދާ ފަރާތްތަކަށް އެކަނި ކަމަށެވެ. މުސްތަފާ ވިދާޅުވީ ރައީސް
މުއިއްޒުގެ އިސްނެންގެވުމާއެކު މިހާރު ހަދައިގެން ތަސްދީގު ކުރަމުންދާ ގާނޫނުތަކަކީ
މިފަދަ ވިސްނުމެއްގައި ހަދަމުންދާ ގާނޫނުތަކެއް ކަމަށެވެ.
ކްލެޕްޓޮކްރަސީ ނިޒާމުގައި ކޮންމެ ކަމެއްވެސް ކުރާނީ ގާނޫނެއްގެ ތެރެއިން. އެކަމު އެ ގާނޫނު ހަދާއިރު ބުނަނީ މިއީ ރައްޔިތުންނަށް ހަދާ ގާނޫނެކޭ، އެކަމަކު އެ ގާނޫނުގެ ފައިދާއެއް ރައްޔިތުންނަކަށް ނުވާނެ. އެ ހުރިހާ ފައިދާއެއް ވާނީ ގާނޫނު ހަދާ މީހާއަށް އަދި ވެރިކަމުގައި ތިބޭ މީހުންނަށް. އެގޮތަށް ހަދާ ގާނޫނެއް މިއީ ކައުންސިލުތަކުގެ ބިންތަކުގެ ގާނޫނު އަދި އެހެން ގާނޫނުތައް ވެސްމުސްތަފާ ހަމީދު
މިކަމާ ދެކޮޅަށް ހުރިހާ ކައުންސިލުތަކެއް އެކުގައި ނުކުމެ، ސަރުކާރު
ޖަވާބުދާރީ ކުރުމަށް ކޯޓަށް މި މައްސަލަ ހުށަހެޅުމަށް މުސްތަފާ ވަނީ ގޮވާލައްވާފަ އެވެ. އަދި ކައުންސިލުތަކުގެ އިތުރުން، ރާއްޖޭގެ އެންމެހާ ރައްޔިތުން ވެސް
އިހުތިޖާޖަށް ނުކުތުމަށް އެނާ ވަނީ ގޮވާލައްވާފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް
19 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މުއިއްޒު ވަނީ އަންގާރަ ދުވަހު ތަސްދީގު
ކުރައްވައިފަ އެވެ. މި ބިލު ފާސްކޮށްފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު
ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28
ވަނަ ޖަލްސާގަ އެވެ. މި އިސްލާހުގައި ހުށަހަޅާފައިވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިކޮށް، އެ ކައުންސިލުގެ
އިހުތިސާސުގައިވާ ބިމާއި ތަންތަން ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށެވެ. އެހެންކަމުން މި ބިލާ ގުޅިގެން އާންމުންނާއި ކައުންސިލުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދިޔައީ ފާޅުކުރަމުންނެވެ. މި ބިލު ފާސްނުކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް
އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތި، އަންގާރަ ދުވަހު ރައީސް މުއިއްޒު ވަނީ މި ބިލު ތަސްދީގުކުރައްވާފަ އެވެ. އެހެންކަމުން އަންގާރަ ދުވަހުން ފެށިގެން މި އިސްލާހަށް
އަމަލުކުރުމަށް ވަނީ ފަށާފަ އެވެ.