މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
އިން ކުރިއަށްގެންދާ "މާލޭ ޓެކްސީ ލައިން" މަޝްރޫއާ ގުޅޭގޮތުން ހުށަހަޅާފައިވާ
ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު
ކުރަން ފަށައިފި އެވެ.
މި މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވަނީ އަމިއްލަ
ފަރާތެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ގެ ފަރާތުން އެ ކޮމިޝަނަށް ހުށަހެޅި
ޝަކުވާތަކަކާ ގުޅިގެންނެވެ.
އޭސީސީ އިން
ބަލަމުންދާ އެއް މައްސަލައަކީ މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ މޯބައިލް އެޕްލިކޭޝަން
ތައްޔާރުކުރުން "ފިކްސްޑް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ ހަވާލުކުރުމުގައި
ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަ އެވެ.
މި މަސައްކަތް
އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އާންމުކޮށް ބީލަމަށް ހުޅުވާނުލައި، ސިއްރިއްޔާތުގައި
13 މިލިއަން ދިވެހި ރުފިޔާއަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މީގެ އިތުރުން،
އެ ކުންފުންޏަކީ މިފަދަ އެޕްލިކޭޝަންތައް އުފެއްދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް
ކުންފުންޏެއް ކަމަށާއި، މި މަސައްކަތަށް ގާބިލު އެހެން އެއްވެސް ފަރާތަކަށް ޕްރޮޕޯސަލް
ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާކަންވެސް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ
އެވެ.
މީގެ އިތުރުން،
ޓެކްސީ ޚިދުމަތަށް ބޭނުންވާ 150 ކާރު ރާއްޖެ އެތެރެކުރުމުގައި 80 މިލިއަން ރުފިޔާގެ
ކޮރަޕްޝަން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް އޭސީސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ކާރުތައް ހޯދުމުގައި ވެސް އާންމުކޮށް ބީލަމަށް ހުޅުވާލާފައި ނުވާ ކަމަށާއި، ވަކި
ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން މާކެޓް އަގަށްވުރެ މާބޮޑު އަގުތަކެއްގައި
ކާރުތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
މާޒް ސަލީމް
ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ބޮޑު ހޭދައެއް ކޮށްގެން ގެނައި މި ކާރުތަކުގެ
ތެރެއިން ގިނަ އަދަދެއްގެ ކާރު ޓެކްސީގެ ޚިދުމަތަށް ބޭނުންނުކޮށް، ހުޅުމާލޭ ދެވަނަ
ފިޔަވަހީގެ ހުސްބިމެއްގައި އަޅާލާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކާރުތައް
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަމިއްލަ ބޭނުންތަކަށާއި ސިޔާސީ އެކި ކަންކަމުގައި
ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފަ އެވެ.
މި ދެ މައްސަލަ ވެސް
އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީކޮށް، އެ މައްސަލަތަކުގެ ތަހުގީގު
މިހާރު ކުރިއަށްދާކަން އެ ކޮމިޝަނުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގާފަ
އެވެ.
މި މަޝްރޫއަކީ
މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހައްލެއް ހޯދުމުގެ ނަމުގައި ފެށި މަޝްރޫއެއް ނަމަވެސް،
މީގެ ތެރެއިން ފެންމަތިވަމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އާންމުންގެ ބޮޑެތި
ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.