ށ. އަތޮޅު، އަތޮޅު ކައުންސިލް އިދާރާ އިން ތަޖުރިބާ ހޯދުމަށް ކޮށްފައިވާ ދަތުރަކަށް 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާއިރު މި ޚަރަދަކީ ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތާ ކޮށްފައިވާ ޚަރަދެއް ނޫން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން ނެރެފައިވާ މިލަދުންމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ށ. އަތޮޅު، އަތޮޅު ކައުންސިލްގެ އިދާރާ އިން ތަޖުރިބާ ހޯދުމަށް ކޮށްފައިވާ ދަތުރަށް ހޭދަކޮށްފައިވާ މިންވަރަކީ ދައުލަތުގެ ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ ސަރކިއުލާ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ. 

އެގޮތުން 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމަށާއި ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށްޓަކައި 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ތަންފީޒުކޮށް، ޚަރަދު ކުރުމުގައި އިދާރާތަކުން ބަލަންޖެހޭ ކަންތައްތައް މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލާގައި ބަޔާން ކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެވެ. 

ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާ އިން ޚަރަދު ކުރުމުގައި މި ސަރކިއުލާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ޚަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލުގެ ބަޖެޓުގެ ތެރެއިން ޚަރަދުތައް ހަމަޖައްސައި ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ސަމާލުކަން ދިނުމަށް ބަޔާން ކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. 

ނަމަވެސް ކައުންސިލް އިދާރާ އިން 2024 ވަނަ އަހަރު ލ. ގަން އަދި ލ. ހިތަދޫ ކައުންސިލްގެ އިތުރުން ލ. އަތޮޅު ކައުންސިލްގެ މަސައްކަތް ކުރިއަށްގެންދާ ގޮތް ބަލައި ތަޖުރިބާ ކުރުމަށް ކައުންސިލްގެ ރައީސް ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ އިދާރާގެ 28 މުވައްޒަފުން ހިމެނޭހެން ޖުމްލަ 30 ބޭފުޅުން 4 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު މި ދަތުރަށް ކައުންސިލްގެ ބަޖެޓުން 269،992 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. 

މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިކޮށްގެން މި ދަތުރުކޮށްފައިވުމުން ބަޖެޓު ތަންފީޒު ކުރުމަށާއި، ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް މާލިއްޔަތާ ބެހޭ ސަރކިއުލާގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ކައުންސިލްގެ އިދާރާ އިން އަމަލުކޮށްފައިނުވާ ކަން ފާހަގަކުރެވޭ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. 

މި ދަތުރުތަކުގެ ރިޕޯޓުގައި، ދަތުރުން ހާސިލު ކުރެވުނު ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލާއި ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކާއި ބައްދަލުކުރެވި، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގައި އަމަލުކުރާ ގޮތްތަކާ މެދު މަޝްވަރާ ކުރެވި އެކަމާ ގުޅޭ މައުލޫމާތު މުވައްޒަފުންނަށް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދަތުރުން ހާސިލުކުރެވޭނެ ކަންތައްތަކުގެ ބޭނުން އިދާރާގައި ކުރާނެ ގޮތުގައި ތަފްސީލު ބަލަހައްޓައި، ދަތުރު ނިމުމުން ދަތުރުން ހާސިލުވިކަންކަން އޮފީސް މާހައުލުގައި ނުވަތަ އިދާރާގައި ބޭނުން ކުރެވެމުންދާ ގޮތް ލިޔުމުން ބެލެހެއްޓިފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.