ރާއްޖެ އަންނަ ފަތުރުވެރިން މޮނީޓަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ޑޮލަރާ ގުޅޭގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ މެންބަރު އަދި ޤާނޫނީ ވަކީލު އިބްރާހީމް އާސިފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަކީލު އާސިފް ވިދާޅުވީ، ޑޮލަރާ ގުޅޭ ގޮތުން ސަރުކާރުން ވަރަށް ބޮޑާކަމާއެކު ދައްކަމުން ގެންދަނީ ބިރުވެރި ވާހަކަތަކެއް ކަމަށެވެ. އެގޮތުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު ޓެގުކޮށްގެން މޮނީޓަރުކުރައްވާނެ ކަމަށާއި އެމީހުން އައިސް ނިދި ތަނާއި އުޅުނު ގޮތާއި ކުރި ހުރިހާ ކަމެއް ބައްލަވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޓެގު އަޅުވައިގެން ބެލެހެއްޓުމަކީ އާންމުކޮށް ކުށްވެރިންނާއި މުޖުތަމައަށް ނުރައްކާވާ މީހުން ބަލަހައްޓަން ދުނިޔޭގައި ކުރާ ކަމެއް. އެކަމަކު މިއަދު ފެންނަނީ އެ އުސޫލު ރާއްޖެ އަންނަ މައުސޫމު ފަތުރުވެރިންގެ މައްޗަށް ހިންގަން އުޅޭ މަންޒަރު. މި ޚަބަރު މުޅި ދުނިޔޭގައި ދައުރުވަމުންދާއިރު، މީގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެއިބްރާހީމް އާސިފް
މީގެއިތުރުން، ދުނިޔޭގެ ކޮންމެ ޤައުމަކަށް ދިޔަނަމަވެސް ފަތުރުވެރިންނަކީ އެންމެ މިނިވަންކަމާއެކު އުޅޭ ބައެއް ކަމަށާއި އެމީހުން އަންނަނީ އެ ޤައުމެއްގެ ދާޚިލީ އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައި އެނބުރިދާއިރު، އެމީހުން ގެންނަނީ ކިތައް ޑޮލަރުތޯ އަދި އެ ޑޮލަރު ބޭނުންކުރަނީ ކިހިނެއްތޯ ބެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޑޮލަރުގެ އަގު ކޮންޓްރޯލު ކުރުމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އާސިފް ވިދާޅުވީ، ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ހަގީގަތަކީ ދުވަހެއް ދުވަހަކަށް ޑޮލަރުގެ އަގު އުފުލެމުންދާކަން ކަމަށެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް އުފުލި، ދިވެހި ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ މަދުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް މިއޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވިޔަސް، ރާއްޖެ މިހާރު މިސްރާބު ޖަހާފައި މިވަނީ އިގުތިސާދީ ބޮޑު ރިސެޝަނަކާ ދިމާލަށް. ކޮންމެވެސް ގޮތަކުން މުވައްޒަފުންނަށް މުސާރަ ދެމުން ދިޔަޔަސް، ތަރައްޤީގެ އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުދޭ. ރާއްޖެ މިއަދު މިދަނީ ސީދާ ބަނގުރޫޓުވުމާ ދިމާއަށްއިބްރާހީމް އާސިފް
ވަކީލު އާސިފުގެ ވާހަކައިގައި ވަނީ ސަރުކާރުން މިހާރު އަޅަމުންދާ ހަރުކަށި އަދި ވިސްނުންތެރިކަމެއް ނެތް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.