އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ހަސަން ޚަލާވީ، ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ޤާބިލުކަން އިތުރުކުރުމާއި ވުނަކުރުމާއި މެހެމާންދާރީގެ ދާއިރާއިންނާއި ހަލާލު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިގުތިސާދު ކުރިއެރުވުމާ ގުޅޭގޮތުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ ތެރޭގައި ހަލާލު ފަތުރުވެރިކަން ފުޅާކުރުން ވެސް ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުސްހަފެއް، ރައީސް އަށް ހަދިޔާކުރައްވާފަ އެވެ.