ހުޅުމާލޭގެ
ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ނުވަ އަހަރުގެ މ. ލެމަންޓްރީ، ޒީވާ
ސިނާން އަހުމަދު ނިޔާވި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ
ތަހުގީގު ކުރަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ 2026 އޯގަސްޓް 29 ވަނަ ދުވަހުގެރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީގަ
އެވެ.

ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ
މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، މަގު ހުރަސްކޮށް ކާރަށް އަރަން އުޅުމުގެ
ތެރޭގަ އެވެ. އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި،
ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވަނީ ވެއްޓިފަ އެވެ.

ފުލުހުން
ބުނާ ގޮތުގައި މި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓު ސީންގެ ތަހުގީގުން
މިހާތަނަށް އެނގިފައިވާ ގޮތުގައި، ސައިކަލު ވެއްޓުނު ލޭނުން ދުއްވާފައި އައި އެހެން
ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން
9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު
އަރާފައިވާކަމަށް ތަހުގީގަށް ބެލެވެ އެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް
ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓުގައި
އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 2026 ސެޕްޓެމްބަރު
1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ.

މި މައްސަލައާ
ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން
މީހުންގެ ލައިސަންސް ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީގެ އިތުރުން
މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް
ކުރިން ވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު
އަޅާފަ އެވެ.