މި ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި އެކި ކުންފުނިތަކުން މުވައްޒަފުން
ވަޒީފާއިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް ރައްޔިތުން ނުކުމެ ވަރުގަދައަށް އަޑުއުފުލަންޖެހޭ
ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރު އަދި ޤާނޫނީ ވަކީލު އިބްރާހީމް
އާސިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން
އާސިފް ވިދާޅުވީ، މި ސަރުކާރުގެ އަމަލުތައް މިހާރު ފެންނަނީ ހަމައެކަނި ވެރިކަން ހިންގުމުގައި
ހެދޭ ގޯސްތަކެއްގެ ގޮތުގައި ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް ފެންނަނީ ޖައްބާރު އަދި
އަނިޔާވެރި ސިފަތަކެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އިނގިރޭސިވިލާތުން
މަތީ ތައުލީމު ހާސިލުކުރައްވައި ޔޫރަޕުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށް
ވާއިރު، ޤާނޫނުތަކާއި ޤަވާއިދުތައް ހަދަންވާނީ ރައްޔިތުންގެ ލާބައަށްކަން އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިއަދު ފެންނަނީ ގިނަ ރައްޔިތުންތަކެއް ވަޒީފާގެ
ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ މަންޒަރު ކަމަށާއި، މިފަދަ ހާލަތެއްގައި
ހަނުތިބެގެން ލިބޭނެ ހައްލެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަޒީފާތަކުން ވަކިކުރަމުންދާކަން ފާހަގަކުރައްވަމުން
އާސިފް ވިދާޅުވީ، ފުވައްމުލަކު ސިޓީން އެކަނި ވެސް 51 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 29 މީހުން ވަކިކުރީ އެންމެ ރެއެއްގެ ތެރޭގައި ކަމަށެވެ. އަދި އައްޑޫ
ސިޓީގެ އިތުރުން ށ. ފޯކައިދޫ އަދި ކޮމަންޑޫ އިން ވެސް ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ
ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ
ތަޖުރިބާކާރު މުވައްޒަފުން ހިމެނޭއިރު، މީހުން ވަކިކުރަނީ ސަރުކާރުގެ ސިޔާސީ ފިކުރާ
އެއްގޮތް ނުވާތީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އާސިފް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުން ބުނާ ފަދައިން
މިއީ ކުންފުނިތައް "ރައިޓް-ސައިޒް" ކުރުމަށް ނުވަތަ ޚަރަދު ކުޑަކުރުމަށް
ކުރާ ކަމެއް ނޫނެވެ. މިއީ ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްއަށް އަމާޒުކޮށް، މަޖިލިސް
މެންބަރުންނާއި ދާއިރާތަކުގެ ރައީސުން ފޮނުވާ ލިސްޓުތަކަށް ބަލައިގެން، ވޯޓު ކަށަވަރުނުވާ
މީހުން ބޭރުކުރުމަށް ހިންގާ ޖަރީމާއެކެވެ. އަދި މި ހިނގާ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވެސް ވަޒީފާތަކުން މީހުން ވަކިކުރުން ކުރިއަށްދާނެ ކަމަށާއި އޭގެ ފަހުން ވަކިކުރި އަދަދަށްވުރެ އިތުރަށް
އަލުން މީހުން ވައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ރައްޔިތުން ނުކުމެ
އިހުތިޖާޖުކޮށް އަޑުއުފުލުން ކަމަށް އާސިފް ވިދާޅުވިއެވެ. އެގޮތުން ފޯކައިދޫ ރައްޔިތުން
ނުކުމެ ދެއްކި ނަމޫނާއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ރައްޔިތުން ވަރުގަދައަށް
އަޑުއުފުލައިފި ނަމަ ސަރުކާރާއި ކައުންސިލުތައް ޖަވާބުދާރީވާން މަޖުބޫރުވާނެ ކަމަށެވެ.
އަދި ރައްޔިތުންގެ ތާއީދެއް ނެތް ވެރިކަމެއްގައި، ނާޖާއިޒު ގޮތުގައި މަޝްރޫއުތަކާއި
ވަޒީފާތައް ބަހައިގެން ސޯޝަލް މީޑިއާގައި ޕޯސްޓު ޖައްސުވަން މަސައްކަތް ކުރި ނަމަވެސް،
ރައްޔިތުންގެ ހައްޤުތައް ހޯދޭނީ މަޑުން ނުތިބެ އަޑުއުފުލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.