މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން
ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް
ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި
ފުލުހުންގެ ހިދުމަތުން އާންމުންގެ ކިބައިން އެދިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ،
މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ޓާސްކްފޯހެއް މިހާރު އެކުލަވާލާފައިވާ
ކަމަށެވެ.

މި ޓާސްކްފޯހުން ބުނި ގޮތުގައި ގާނޫނާ ހިލާފަށް
ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ،
އެ މައުލޫމާތެއް ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް ހިއްސާކުރެވޭނެ ކަމަށެވެ.
މި ނަންބަރަށް އާންމު އެސްއެމްއެސްގެ އިތުރުން، ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް
ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޮނުވުމުގެ ފުރުސަތު
ވަނީ ހުޅުވާލާފަ އެވެ.

މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ރައްކާތެރިކަމާ
ގުޅޭގޮތުން ފުލުހުން ވިދާޅުވީ، މި ނަންބަރަށް މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރާއި
އެ ފަރާތްތަކުން ހިއްސާކުރާ މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ކަމުގެ
ޔަގީންކަންދޭ ކަމަށެވެ.

މީގެ އިތުރުން، މިގޮތަށް މައުލޫމާތު ފޯރުކޮށްދޭ
ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ނުވަތަ މަރުހަލާއެއްގައި
ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.