ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް، ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރ. ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާ ހިންގާ، ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފި އެވެ.
މަރުކަޒީ ބޭންކު، (އެމްއެމްއޭ) ގެ ރަސްމީ ހުއްދައާ ނުލައި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ގަވާއިދާ ހިލާފަށް ހިންގާފައިވާ ކަމަށް ބެލެވޭތީ، އެ ކުންފުންޏަށް ނިސްބަތްވާ ބޭންކު އެކައުންޓުތައް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ އަންގާރަ ދުވަހު ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމަށް، މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓްގެ އޮފީހަށް ފުލުހުން ވަދެ، އެ ތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފަ އެވެ. އަދި އެ އޮފީހުން ބައެއް ތަކެތި ތަހުގީގުގެ ބޭނުމަށް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި، ނައިޑް އިންވެސްޓްމެންޓަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މަޝްހޫރު ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާގެ ވިޔަފާރިތައް މެނޭޖުކުރަމުން ދަނީ އެ ކުންފުނިން ނުވަތަ އެއާއި ގުޅުންހުރި އެހެން ކުންފުނިތަކެއް މެދުވެރިކޮށެވެ.
ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ގާނޫނު ލާޒިމުކުރާ ގޮތުން، އެފަދަ ކަމަކަށް އެދެވޭނީ އެމްއެމްއޭގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު އެވެ. އަދި އެ ބޭންކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އަގުތަކުން ބޭރުން ބޭރު ފައިސާ ވިއްކުމަކީ ގާނޫނީ ކުށެކެވެ. އެ ކުށަށް ދެވޭ އަދަބުތައް ހަރުކަށިކޮށް، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގެނެސްފައިވާ އައު އިސްލާހަށް 1 ސެޕްޓެމްބަރުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
މީގެ ކުރިން ވެސް އެމްއެމްއޭގެ ގަވާއިދުތަކާ ހިލާފުވި ބައެއް ފަރާތްތަކުގެ ލައިސަންސް އެ ބޭންކުން ވަނީ އަތުލާފަ އެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކުމުގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުގައި 6 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ މީހުންނާ ގުޅުން އޮތް އެކައުންޓުތަކުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަނެއްހާ ރުފިޔާ ދައުރުވެފައިވާކަން ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.