ރާއްޖެއަށް ޑޮލަރު ނުވަންނަނީ ނޫން
ކަމަށާއި ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް ޚަރަދުކޮށް އަޅައި ވަޅުލަމުންދަނީ ރަސްމާލެ
މަޝްރޫއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ
ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ
އިގުތިސާދީ ހާލަތާއި ބޭރު ފައިސާގެ ދަތިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އަބްދުﷲ
ރަޝީދު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 އާ
ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 18 އިންސައްތަ އިތުރުވެފަ އެވެ.
މީގެ މާނައަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރާއްޖެއަށް ވަން ބޭރު ފައިސާގެ
އަދަދު ވެސް 18 އިންސައްތަ އިތުރުވެފައިވުމެވެ.
ނަމަވެސް، މުޅި ސަރަހައްދު ވެސް އިގުތިސާދީ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ މިފަދަ ދަނޑިވަޅެއްގައި، ދުނިޔޭގެ އެހެން ޤައުމުތަކުން
ބިންހިއްކުމާއި ޑްރެޖިންގ މަސައްކަތްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގައި ކުރަމުންދަނީ
ކުރަންނުޖެހޭ ޚަރަދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު
އެމަނިކުފާނުގެ އަމިއްލަފުޅު "ލެގަސީ" ދެއްކެވުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ
އިންތިޚާބަށް އަމާޒުހިއްޕަވައިގެން، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ރަސްމާލެއަށް
އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން ރަސްމާލޭގެ ޑްރެޖިންގ މަސައްކަތް
ކުރިޔަސް ނުކުރިޔަސް ޑްރެޖަރަށް ދުވާލަކަށް 120،000 (އެއްލައްކަ ވިހިހާސް) ރުފިޔާ ދައްކަންޖެހޭ
ކަމަށާއި އަދި އެތަނަށް އަޅާ ކޮންމެ ކިއުބިކް މީޓަރެއްގެ ވެއްޔަށް 8 އާއި 10 ޑޮލަރާ
ދެމެދުގެ އަދަދެއް ޚަރަދުކުރަމުންދާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. މިފަދަ ބޭކާރު
ޚަރަދުތަކުގެ ސަބަބުން ޤައުމު ޑޮލަރަށް ޖެހި، ދިވެހި ވިޔަފާރިތައް ފުނޑިގެންދާއިރު ވެސް
ސަރުކާރުން މިކަންކަން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަބްދުﷲ
ރަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މި އަމަލުތަކާ ދެކޮޅަށް މުޅި ރާއްޖޭގަ އާއި މާލޭގެ މަގުމަތި އަދި ރިސޯޓުތަކުގައި ވެސް ރައްޔިތުން ނުކުމެ އިހުތިޖާޖުނުކޮށްފިނަމަ
ރާއްޖެ ބަނގުރޫޓުވުމުގެ މަގަށް ހިނގައިދާނެ ކަމަށެވެ. މީގެ ކުރިން ބޭއްވި އިހުތިޖާޖުތައް
ވަކި ހިސާބަކުން މަޑުޖެހިފައިވީ ނަމަވެސް، މިއަދު މިކަން ދޫކޮށްލައިފިނަމަ އެއީ އަންނަން
އޮތް ޖީލުތަކަށް ދެވޭނެ ބޮޑު އަނިޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.