ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގަ އެވެ.

މި އިސްލާހުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުންކަމަށް ސަރުކާރުން ބުނިނަމަވެސް، މި ބިލާމެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ. 

އެހެންނަމަވެސް ރައީސް އޮފީހުން ބުނާ ގޮތުގައި މި އިސްލާހާއެކު، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާތު ހަރުދަނާވެގެންދާނެ އެވެ. އެގޮތުން، ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާތުތައް  މި ބިލުގައި ބަޔާންކޮށްފައިވާކަމަށް ބުނެ ރައީސް އޮފީހުން ވަނީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި މި ބިލު ދިފާއު ކުރައްވާފަ އެވެ. 

މީގެ އިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ޤާއިމުކޮށް އެ ސެންޓަރުތަކުން ޚިދުމަތް ދެވޭނެކަމަށް މި ބިލުގައި ވަނީ ބަޔާންކުރައްވާފަ އެވެ. އަދި މި ޤާނޫނަށް ގެނެސްފައިވާ 17 ވަނަ އިސްލާހާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، 19 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވާނެކަން ވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.

މި ބިލު ހުށަހަޅާފައިވަނީ، ކައުންސިލުތަކުގެ ބާރުތައް ހަނިކޮށް، އެ ކައުންސިލުގެ އިހުތިސާސުގައިވާ ބިމާއި ތަންތަން ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށެވެ. އެހެން ކަމުން ބިލާ ގުޅިގެން އާންމުންނާއި ކައުންސިލުތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރުކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ އަތްމައްޗަށް ފުރޮޅިގެންދާނެ އެވެ. އެއާއެކު މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ވެސް ލިބޭނެކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ބައެއް ކައުންސިލްތަކުން ބަޔާންތަކާއި ގަރާރުތައް ވެސް ނެރެފައިވެ އެވެ.