ރިސޯޓުތަކާއި
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާއަކާ
މެދު ސަރުކާރާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބަސްމަގު
އުޑާއި ބިމާހާ ތަފާތުވެއްޖެ އެވެ.
މި މައްސަލައިގައި
ސަރުކާރުގެ އެންމެ މަތީ ފަންތިންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ދައްކަވާފައިވާ
ވާހަކަފުޅުތަކުން، ރާއްޖޭގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމުގައި އެއްގަލަކަށް ނޭރި
އޮތް މިންވަރު މިހާރު ވަނީ ހާމަވެފަ އެވެ.
މި މައްސަލައިގައި
އެންމެ ފުރަތަމަ ވާހަކަދެއްކެވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. ރައީސް
އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ
ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް
(ޓީއެމްއޭ) އާއި ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދެމުންދާ އުސޫލަށް ބަދަލުތަކެއް އަންނަންޖެހޭ
ކަމަށެވެ.
ގަވަރުނަރުގެ
ވާހަކައިން ދޭހަވީ، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި މުވައްޒަފުންނަށް
ޑޮލަރުން މުސާރަ ދިނުން ހުއްޓާލައި، އެކަން ދިވެހި ރުފިޔާއަށް ބަދަލުކުރުމުގެ ވިސްނުމެއް
މަރުކަޒީ ބޭންކުން ގެންގުޅޭ ކަމެވެ.
ނަމަވެސް،
ގަވަރުނަރުގެ މި ވާހަކަފުޅަށް ހަފްތާއެއް ވީތަނާ، ރައީސް ޑރ. މުހައްމަދު
މުއިއްޒު ވަނީ އެކަމާ މުޅިން ތަފާތު ރޫހެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް އޮފީހުގައި
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ޑޮލަރުން މުސާރަ ލިބޭ އެއްވެސް
މުވައްޒަފެއްގެ މުސާރައަށް އުނިކަން އަންނާނެ ފަދަ އެއްވެސް ނިންމުމެއް ސަރުކާރުން
ނުނިންމާނެ ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެފަދަ ނިންމުމެއް އެއްވެސް ފަރާތަކުން ނިންމައިގެން ނުވާނެ ކަމަށް ވެސް ރައީސް ވަނީ
ވިދާޅުވެފަ އެވެ.
ރާއްޖޭގެ
ބޭރު ފައިސާގެ ސިޔާސަތުތައް ކަނޑައެޅުމުގެ ގާނޫނީ ބޮޑު ދައުރެއް އެމްއެމްއޭއަށް އޮތްއިރު،
ސަރުކާރާއި އެމްއެމްއޭއާ ދެމެދު މިފަދަ މުހިންމު ކަމެއްގައި ހިޔާލު ތަފާތުވުމަކީ މާލީ
ދާއިރާގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުތައް
ދެކޮޅު ނުޖެހޭ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި މައްސަލައިގައި
ސަރުކާރުގެ ބަސްމަގު ބަދަލުވެފައި މިވަނީ، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ
ދިނުން ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ
ގިނަ އަދަދެއްގެ މުވައްޒަފުންގެ ނުރުހުމާއި ކަންބޮޑުވުން ސަރުކާރަށް އަމާޒުވެފައިވާ
ދަނޑިވަޅެއްގަ އެވެ.