ގދ. ތިނަދޫއަށް
ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު
ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ތިނަދޫ ސިޓީގެ
މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެ ދައުވާއެއް އުފުލައިފި
އެވެ.
މި މައްސަލައިގައި
ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
ޕްރޮސެކިއުޓަރ
ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ
ސައުދުގެ މައްޗަށް ކުރަނީ، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ބޭނުންވާ 10،000
މީހުންގެ އާބާދީ ހަމަވާ ރަށެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައިވާތީ އެވެ.
އެގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އޭނާ ސޮއިކޮށް ފޮނުވި އާބާދީ
ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި، ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު
ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މީގެ އިތުރުން،
އެލްޖީއޭއިން އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެދުމުން،
ސައުދު ސޮއިކޮށް ފޮނުވި ދެވަނަ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ
މީހުންގެ މައުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާކަން ތަހުގީގަށް
ހާމަވެފައިވާކަން ޕީޖީ އޮފީހުން ފާހަގަ ކުރެ އެވެ.
އެ ލިސްޓުގައި
ތިނަދޫގެ އާބާދީއަކީ 10،150 މީހުން ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް
ދައުވާގައި ބުނެފައިވެ އެވެ.
މި ކުށް ސާބިތުވެއްޖެނަމަ، ކުށުގެގެ އަސާސީ އަދަބެއްގެ
ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޕީޖީ
އޮފީހުން މައުލޫމާތުދެ އެވެ.
ސައުދުގެ
މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ ކަމަށްވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު
ދިނުމުގެ ދައުވާ އުފުލާފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދޮގު މައުލޫމާތު
ދީފައިވާތީ އެވެ.
ފުލުހުންގެ
ހިދުމަތުން މި މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން
ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް އެދުމުން، އެފަދަ
ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ސައުދު ސޮއިކޮށް ފެކްސް މެސެޖެއް
ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މި ދައުވާގެ
އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ތިނަދޫއަށް
ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރުގަ އެވެ.