އިދިކޮޅު ދިވެހި ރައްޔިތުން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން އަހުމަދު
ހައްޔަރުކޮށްފި އެވެ.

މައިމޫން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި
ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަމެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައިމޫން ހައްޔަރުކޮށްފައި ވަނީ، އެމްޑީޕީ އިން ހޯމަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ނިމުނު ފަަހުންނެވެ. 

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ރާއްޖެ އެމްވީ އިން ގުޅުމުން ފުލުހުން ބުނީ، އެކަމުގެ މައުލޫމާތު ސާފުކޮށްލުމަށް ފަހު ޖަވާބެއް ދޭނެ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ގޮތެއްގައި ސީދާ
ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ފާސްކޮށްފަ އެވެ. އަދި އެ
ބައްދަލުވުމަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ މަގުމަތީގައި
މުޒާހަރާކޮށްފަ އެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި ފަހަރު މަތިން މައިމޫން ހައްޔަރުކޮށްފަ އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޑީޕީ އިން ކުރި މުޒާހަރާއެއްގެ ތެރެއިން ވެސް މައިމޫން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޝަރީއަތަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލައިފަ އެވެ.