ސްރީލަންކާގެ
ނިގަމްބޯ ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު
އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް
އޭނާ މިނިވަންކުރުމަށް އަމުރުކޮށްފި އެވެ.
މި މައްސަލައިގައި
އިސްތިއުނާފު ކޯޓުން ކުރި ހުކުމުގައި ވަނީ، ދަށު ކޯޓުން ޔުގީތުގެ މައްޗަށް ކުށް ސާބިތުވާ
ކަމަށް ނިންމާފައިވަނީ އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، ދައުލަތުން
ހުށަހެޅި ހެކިތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
މި މައްސަލައިގެ
ތަފްސީލަށް ބަލާއިރު، ޔުގީތު އަތުލައިގަތް ވަގުތު ފެނުނު 12 ޕާރުސަލްގެ ޖުމްލަ ބަރުދަނުގައި
2,039.34 ކިލޯގްރާމް ހުރި ކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް، ސަރުކާރުގެ އެނަލިސްޓް
އެ ތަކެތި ތަހުލީލުކުރި އިރު، އޭގައި 17 ގްރާމްގެ ތަފާތެއް ހުއްޓެވެ.
ބަރުދަނަށް
އައި މި ބޮޑު ބަދަލާ ގުޅޭގޮތުން ދައުލަތުގެ ހެކިންނަށް އެކަށީގެންވާ މާނަކުރުމެއް ދެވިފައެއް
ނުވެއެވެ.
މީގެ އިތުރުން،
ތަކެތި އަތުލައިގަތް ވަގުތުން ވަގުތަށް ލިޔެފައިވާ ރެކޯޑްތައް ނެތުމާއި، ވަޓްސްއަޕް
މެސެޖުތަކުން މީހާ ދެނެގަތުމުގައި ހުރި މައްސަލަތަކުގެ ސަބަބުން، ހެކި ރައްކާތެރިކަމާއެކު
ބެލެހެއްޓުމުގެ ސިލްސިލާއާމެދު ސީރިއަސް ޝައްކުތަކެއް އުފެދޭ ކަމަށް ކޯޓުން ފާހަގަކުރިއެވެ.
އިސްތިއުނާފު
ކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ފުލުހުންގެ މައިގަނޑު ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކުގެ
ސަބަބުން، ކޯޓަށް ހުށަހެޅި ހެރޮއިންއަކީ ތުހުމަތުކުރެވޭ މީހާއާ ގުޅުންހުރި އެއްޗެއްކަމާމެދު
ސުވާލު އުފެދޭ ކަމަށެވެ. ކޯޓުން ނިންމުންތައް ނިންމަންވާނީ އަންދާޒާތަކުގެ މައްޗަށް
ބިނާކޮށްގެން ނޫން ކަމަށާއި، ހަރުދަނާ ހެކީގެ މައްޗަށް ބިނާކޮށްގެން ކަމަށް ފަނޑިޔާރު
ކަނޑައެޅުއްވިއެވެ.
އަދި މަސްތުވާތަކެތީގެ
މައްސަލަތަކުގައި އަމަލުކުރަންޖެހޭ އަސާސީ އުސޫލުތައް ތަންފީޒުކުރުމުގައި ދަށު ކޯޓުގެ
ފަނޑިޔާރު އޮޅުންތަކެއް އަރުވާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މި މައްސަލަ
އަލުން ބެލުމަކީ އިންސާފު ގާއިމުކުރުމަށް ފުދޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އިސްތިއުނާފު
ކޯޓުން ވަނީ ބުނެފައެވެ. އެއީ ތުހުމަތުކުރެވޭ މީހާއާއި އިސްތިއުނާފު ކުރި ފަރާތަކީ
ކާކުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނެ ވަޓްސްއަޕް މެސެޖެއް ނެތުމާއި، އެކި ސަބަބުތަކާ
ހުރެ ޔުގީތު 22 މެއި 2018 އިން ފެށިގެން، 8 އަހަރަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރި
ކަމަށްވާތީއެވެ.
އެހެންކަމުން،
މައްސަލަ އަލުން ބެލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ކޯޓުން ނިންމިއެވެ.
ކޯޓުގެ ހުކުމުގައި
އިތުރަށް ފާހަގަކޮށްފައިވަނީ، ކުށް ސާބިތުވުމުގެ ކުރިން އެ މީހަކީ ކުށެއް ނެތް މީހެއް
ކަމަށް ބެލުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި
ޖިނާއީ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމަކީ
ދައުލަތުގެ ޒިންމާއެއް ކަމަށާއި، މި މައްސަލައިގައި އެކަން ސާބިތުކޮށްދިނުމުގައި ދައުލަތް
ނުކުޅެދިފައިވާ ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ.
މި ހުރިހާ
ކަންކަމަށް ރިއާޔަތްކޮށް، ނިގަމްބޯގެ ހައިކޯޓު ފަނޑިޔާރު 06 ސެޕްޓެމްބަރު 2025 ގައި
ޔުގީތު އިބްރާހީމްގެ މައްޗަށް އިއްވާފައިވާ ކުށް ސާބިތުވުމުގެ ހުކުމާއި މަރުގެ އަދަބު
ބާތިލުކޮށް، އޭނާ މި މައްސަލައިން ބަރީއަވެ މިނިވަންވެއްޖެ ކަމަށް އިސްތިއުނާފު ކޯޓުން
ވަނީ ހުކުމްކޮށްފަ އެވެ.