ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ފާރަލާ ބަލާނެ ރަސްމީ ނިޒާމެއް މީގެ އެއްމަސް ފަހުން ރަސްމީކޮށް ގާއިމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލުތައް ތަޞްދީގު ކުރެއްވުމަށް ރައީސް އޮފީގުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް ވާހަކަފުޅު ދައްކަވަމުންނެވެ.
"ރާއްޖެ އަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން، އެ ޓޫރިސްޓް އައި ކަމާއި، އޭނަ ދިޔަތަނާއި، އޭނަ ނިދީ ކޮންތަނެއްގަ ކަމާއި، އޭނާ ފުރައިފި ކަމާއި، އެނގޭނެ ނިޒާމު މީގެ އެއްމަސްފަހުން ރަސްމީކޮށް އަޅުގަނޑުމެން ގާއިމު ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން ފަތުރުވެރިކަމުގެ ވަސީލަތްތައް ހިންގާ ފަރާތްތަކުން މަކަރު ހަދައިގެން ސަލާމަތްވެވުނު ނަމަވެސް، އެކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އިންޒާރު ދެއްވާފަ އެވެ.
"މަކަރެއް ނުހެދޭނެ، އިނގޭތޯ، އެ ފުރުސަތެއް ނުލިބޭނެ،"
މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކަންކުރައްވަނީ "ކަންކުރަން އެނގޭތީ" ކަމުގަ އެވެ.
"މި ސަރުކާރުން ހައްގު ގާއިމު ކުރުމުގައި ވަރަށް ފާމް ވާނެ، އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ، ތަފާތެއް ނުކުރާނެ."
ރައީސް މުއިއްޒު ވަނީ ވަކި ބަޔަކު މުއްސަނދިވެފައި އެހެން މީހުން ހާލުގައި އުޅެން ޖެހެނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނަށް ވަރަށް ނުރުހުންވެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށާއި، އެއްވެސް ފަރާތަކަށް އެކަން އޮޅުވާނުލެވޭނެ ކަމުގަ އެވެ.