ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ މުއްދަތު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދަންމާލުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފި އެވެ.
މި ނިންމުން ފާސްކުރުމަށް ބޭއްވި ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ ތެރެއިން 33 މެމްބަރުން ވަނީ ތާއީދުވޯޓް ދެއްވާފަ އެވެ.
މި ނިންމުމުގައި ވާ ގޮތުން ޕާޓީގެ ކޮންގްރެސް ބޭއްވުމަށްފަހު އެއް މަސްދުވަހުގެ ތެރޭގައި ޤައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަންޖެހޭނެ އެވެ. އަދި ހަތަރުވަނަ ޤައުމީ މަޖިލީހުގެ މުއްދަތު އެހާތަނަށް ދަންމާލެވިދާނެ އެވެ.
މީގެ އިތުރުން، އެހާތަނަށް އިންތިޚާބު ނުބޭއްވުނުނަމަވެސް، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މިހާރުގެ ޤައުމީ މަޖިލީހުގެ މުއްދަތު ދަންމާލައި، އެ ދުވަހު އިންތިޚާބު ބާއްވަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ޕާޓީގެ މެމްބަރުން ބުނާގޮތުގައި މި ނިންމުމަކީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަށް ނެގޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މި ނިންމުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.