މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބައެއް ބިލުތައް ތަޞްދީޤު ކުރެއްވުމަށް ރައީސް އޮފީގުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު ސަރުކާރުން މި ފިޔަވަޅުތައް އަޅާނެކަން އިޢުލާނުކުރުމާ ހިސާބުން ފެށިގެންވެސް، އަދި މިއަދު މި އަދި ކިރިޔާ މި ބިލު ތަޞްދީޤު ކުރެވުނީ. މި ބޭރުފައިސާއާ ބެހޭ ބިލު. މިހާރުވެސް ކަޅުބާޒާރުގައި ބޭރު ފައިސާގެ ރޭޓް ދަށްވަމުން އެބަދޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ގާނޫނަށް ގެނެވުނު ބަދަލުތަކަކީ މުހިންމު އިޞްލާޙެއް ކަމުގަ އެވެ.  އެގޮތުން، ރިސޯޓުތަކުން މީގެކުރިން، ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތްއޮތުމުގެ ބަދަލުގައި، ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން، "އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާ އިތުރުވެގެންދާނެ،" ކަމަށެވެ. ރައީސް މުއިއްޒު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އެމް.އެމް.އޭ.އަށް ލިބޭ ފައިސާ އިތުރުވެގެންދިޔުމަކީ، އަސާސީ ކަންކަމަށް ކުރެވެންހުރި ޚަރަދުތަކަށް އެއިން ފައިދާވާނެ ކަމެއް ކަމުގަ އެވެ.

"އާދެ، އަޅުގަނޑުމެންނަށް ހިސާބުތަކުން އެބަ އެނގޭ، ފަތުރުވެރިކަމުގެ ޞިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް. އެހެންނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ވަދެފައިވަނީ، އޭގެތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު. މި 3.8 ބިލިއަން ޑޮލަރުގެ ތެރެއިންވެސް، އެންމެ 21 އިންސައްތަ މިވަނީ، ބޭންކުތަކަށް މާރުކޮށްފައި. ދެން، މި ޤާނޫނު އައުމުގެ ކުރިން، މި އަދަދު މިއަށްވުރެވެސް މަދު. އެންމެ 10 އިންސައްތަ މާރު ކުރަމުންދިޔައީ."

މުއިއްޒު ވިދާޅުވީ، 40 އިންސައްތައަށް ރިސޯޓުތަކުން ޑޮލަރު މާރުކުރުން އިތުރުވެގެން ދިޔުމުން، އެ ލިބޭ ފައިސާ ބޭނުންކުރުމަށް ގަސްދުކުރައްވަނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކުމަށް ޓީ.ޓީ. ހެދުމާއި، އަސާސީ މުދަލަށް ޚާއްޞަގޮތެއްގައި އިސްކަންދެވިގެން، ވިޔަފާރިކުރާ ފަރާތްތަކަށް ޓީ.ޓީ. ހެދުމަށް ކަމުގަ އެވެ.

ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ ކަންބޮޑުވުންތައް ބައެއް ރިސޯޓުތަކުން ފާހަގަކުރަމުންދިޔަ ކަމަށާއި އެހެންނަމަވެސް، މި ބަދަލު ގެނައީ، ވަރަށް ރަނގަޅަށް
ދިރާސާ ކުރެވިގެންކަން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިއީ، ހަމަ ތިބެފައި ކުރިކަމެއް ނޫން. މިކަމުގެ
ޢިލްމީ، ފަންނީ، ގާބިލް ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް
ކޮށްފައިވަނީ. އެމް.އެމް.އޭ.އިން، ފިނޭންސް މިނިސްޓްރީން، އިކޮނޮމިކް
މިނިސްޓްރީން، ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް
ކޮށްފައިވަނީ، ހިސާބު ކިތާބު ބަލާފައި. ސްޓެޓިސްޓިކަލް މަޢުލޫމާތު
އެއްކޮށްގެން."

ރައީސް މުއިއްޒު ޔަގީންކަން ދެއްވި ގޮތުގައި 40 އިންސައްތަ ޑޮލަރު މާރުކުރުމަކަށް ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް
ނޯންނާނެ އެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި އެނގޭ. ރިޒޯޓުތައް
ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނީވިއްޔާ މުވައްޒަފުންނަށް
މުސާރަ ދިނުމަށް، ނޫނީވިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް
ދައްޗެއް ނުވާނެ، 40 އިންސައްތަ މާރުކޮށްގެނެއް. އެއީ ޔަގީން ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކަޅު ބާޒާރުގައި، ބޮޑު އަގުގައި ބައެއް ފަރާތްތަކުން ޑޮލަރު  މާރުކުރަމުން އެބަ ގެންދާ ކަމަށާއި، އެކަން އެހެން ވަނީ "ޔަގީނުންވެސް ފައިސާ އެކްސެސް ހުރީމަ" ކަމަށެވެ.

"ދެން އެހެންނޫނަސް، ހިސާބު ކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް، 40 އިންސައްތަ މާރުކުރުމަކީ، އެއްވެސް ރިޒޯޓަކަށް ދަތިވާނެކަމެއް ނޫން،" މުއިއްޒު ތަކުރާރުކުރައްވާ ފާހަގަކުރެއްވި އެވެ.