ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި
ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު
އާދަމް ޝާމިލްއަށް އެޑްރެސްކުރައްވައި އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް (މާޒް
ސަލީމް) ހުށަހެޅުއްވި މައްސަލަ އޭސީސީން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލަ ރަޖިސްޓްރީކޮށް، ތަހުގީގުކުރާ
ޑިވިޝަނަށް ފޮނުވާފައިވާކަން އޭސީސީ އިން ވަނީ ސަލީމަށް އަންގާފަ އެވެ.

ނ.އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ
އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާ ނަމުގައި
ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ
މަސައްކަތް ކުރިޔަށް ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން
އެސްއީޒެޑުގެ ޤާނޫނަށް ކުއްލިޔަކަށް ބަދަލުގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް
ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ
ދަރަޖަ ދީފައިވާކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ޤާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން
ފެށިތާ އެއްމަސް ދުވަސް ނުވަނީސް، ކުރިން ހިނގަމުން ދިޔަ ރިސޯޓު ޕްރޮޖެކްޓު
ކަމަށްވާ އައިލާ ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީ އެ މަޝްރޫއު ސަސްޓެއިނަބަލް
ޓައުންޝިޕަކަށް ބަދަލުކުރުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއްކަމަށް މައްސަލައިގައި
ފާހަގަކޮށްފައިވެ އެވެ.

262 ކޮޓަރީގެ އަލްޓްރާ
ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފިނަމަ މިފަދަ ރިސޯޓަކުން ބިމުކުއްޔާއި
ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ސީދާ
އާމްދަނީގެ ގޮތުގައި އަހަރަކު 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ
ގިނައިން ލިބުމުގެ ފުރުސަތު އޮތްކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް އެސްއީޒެޑްގެ ދަށުން
ކުޑަވެގެންދާ ޓެކްސް އަދި ކަސްޓަމްސް ޑިއުޓީން ލިބިދޭ ބޮޑެތި ލުއިތަކުގެ ސަބަބުން،
ރިސޯޓެއްގެ ގޮތުގައި ލިބިދޭ އާމްދަނީގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ދައުލަތަށް
ނުލިބޭނެކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އާންމު ބާޒާރުން ދިވެއްސަކު ގޯތި
ގެދޮރު ގަންނައިރު 8 ޕަސެންޓުގެ ޖީއެސްޓީއެއް ސަރުކާރަށް ދައްކަންޖެހޭއިރު، މި
ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް 1 ޕަސެންޓާއި ގާތްކުރާ
މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އޮތްކަމަށް ވެސް މި ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ގެދޮރު ގަންނަ
ދިވެހި ރައްޔިތަކަށްވުރެ، މި ޕްރޮޖެކްޓު އެސްއީޒެޑްގެ ޕްރޮޖެކްޓަކަށް ކުއްލިޔަކަށް
ބަދަލުކޮށް މި ޕްރޮޖެކްޓުގެ ތެރެއިން ލަގްޒަރީ ޕްރޮޕަޓީ ގަންނަ ބޭރުގެ
މުއްސަނދިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ
ގޮތަށް ކުރުމަށް ރޭވިފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭކަމަށް ސިޓީގައި ވަނީ
ބަޔާންކޮށްފަ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއިން
ބޭރުގެ މީހުންނަށް ރަށްވެހިކަން ލިބިދޭ ވިސާ ޕްރޮގްރާމް އެވޯޑުކުރެވުނު ހެންލީ
އެންޑް ޕާޓްނާސް އަކީ މިފަދަ އިންވެސްޓްމަންޓު މައިގްރޭޝަން ޕްރޮގްރާމްތަކާއި
ގުޅިގެން ބައިނަލްއަޤުވާމީ ދުނިޔޭގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ބޮޑެތި
ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށްވާއިރު، މި ކުންފުންޏަށް މި ޕްރޮޖެކްޓް
އެވޯޑުކުރެވުނީ ކޮންގޮތަކުންތޯ ބަލާން ޖެހޭކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ވަގުތީ
އަމުރެއް ނެރިގެން މި ޕްރޮޖެކްޓު ހުއްޓުވައި، އަވަސް މަސްއަލައެއްގެ ގޮތުގައި
ތަހުޤީޤުކޮށްދެއްވުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ
އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް
ފޯރަމްގެ ތެރެއިން، ރާއްޖޭގައި 'ރެސިޑެންސް ބައި އިންވެސްޓްމަންޓް' ޕްރޮގްރާމެއް
ތައާރަފުކުރުމަށްޓަކައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސަރުކާރުން ވަނީ
އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އޭރު ވެސް އެ
ކުންފުނި މިކަމަށް ނޮމިނޭޓުވީ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމުގައި
އެކުލެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފްސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމަކީ ދައުލަތަށް ބޮޑުފައިދާއެއްވާން
އޮތްކަމެއްގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވަމުންދާނެ
ޕުރޮޖެކުޓަކަށްވާތީވެ، މިމައްސަލާގައި އޭސީސީން ވަގުތީ އަމުރެއް ނެރިގެން
މިމަސައްކަތް ނުހުއްޓުވައިފިނަމަ، ދިވެހި ދައުލަތުގެ މާލިއްޔަތަށް އެތައް ބިލިއަން
ޑޮލަރެއްގެ ބޮޑު ގެއްލުމެއް ލިބި މިޤަމުގެ ސިޔާދަތާއި އަދި ޤައުމީ ސަލާމަތަށް ބޮޑު
ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ވެސް ސިޓީގައި ވަނީ
ބުނެފަ އެވެ.