ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ނޫސްވެރިންނާއެކު ބައްދަލުވުމެއް ނުބާއްވާތާ 2 މަސް ދުވަހަށް ފަހު އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް ބޮޑު ދޮގެއް ހައްދަވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން, އިތުރު 6 ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ހަފްތާއަކު ނޫސްވެރިންނާ އެމަނިކުފާނު ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޕްރެސް ބާއްވާ މާލަމުގައި ޕްރެސް އެއް ނުބޭއްވި ހިނގައިދާނެ ކަމަށާ އެހެން ނަމަވެސް ކޮންމެވެސް މީޑިއާ އަކާ ވާހަކަ ނުދައްކަވާ އެއްވެސް ހަފްތާއެއް ނިމިގެން ނުދާނެ  ކަމަށެވެ. 

ހައިރާންފުޅުވެ ވަޑައިގެން އިންނަވާނެ ކަމެއް ނެތް. މިއީ ހަގީގަތް. ހަމަ ކޮންމެ ހަފްތާއަކު އަޅުގަނޑު މިތަނުގަ ޕްރެސް  ނުބޭއްވި ދިއުމަކީ އަޅުގަނޑު ދެންނެވި ގޮތަށް އެކަން ނުކުރާ ސަބަބެއް ވެސް ނޫން. ކޮންމެ ހަފްތާއަކު ޕްރެސް އަށް ނުވަތަ މީޑިއާ އެއް ޗެކް ކުރުމުގެ އިތުރަށް މިތަނުގައި ކޮންމެ ދުވަހަކު ބާއްވާ ބައްދަލުވުން އަޅުގަނޑު ދެންނެވިން ޒަރޫރީ ނުނިއްޔާ ކޮންމެހެން ކުރަން ޖެހޭ އަންއެވޮއިޑަބަލް ކަންކަން ހުންނާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ފާއިތުވި ދެ މަހެއްހާ ދުވަހަށް ބަލާއިރު، ވަރަށް ގިނަ ހޯމަ ދުވަސް ދުވަހު ހުންނާނީ ކޮންމެވެސް އިވެންޓަކަށް ވަޑައިގެން ކަމަށެވެ. ނޫނިއްޔާ ކޮންމެހެން ކުރަން ޖެހޭ ވަރަށް ބުރަ މަސައްކަތެއްގަ އެ ދުވަހު އުޅެން  ޖެހިގެން ނޫނީ އެމަނިކުފާނު ޕްރެސް ބާއްވަވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ  ވެސް ހޯމަ ދުވަހެއް ކަމަށާ ހެނދުނު 10:00 ގައި ކަމެއް އޮތުމުން މެންދުރު 01:00 އެ ރަސްމިއްޔާތުގެ ގަޑި ބަދަލު ކުރެއްވީ ކަމަށެވެ. އެހެންކަމުން ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ހޯމަ ދުވަހަކު ބައްދަލުވުން ބާއްވަމުން ގެންދަވާ ކަމަށް ތަކުރާރު ކޮށް ވިދާޅުވި އެވެ. 

ތަކުރާރު ކޮށް ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރި ސަބަބެއް ހޯދުމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފްއަށް ރާއްޖެޓީވީގެ ފަރާތުން އެތައް ފަހަރަކު ގުޅުމުން އޭނާ ގިނަ ފަހަރަށް ޖަވާބެއް ނުދައްވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުންތައް މަޑުޖެހިފައި ވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޚާއްސަކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ކެންސަލްކުރުމާ ގުޅިގެން ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އަދި މި ސަރުކާރަކީ އެއްވެސް ކަމެއް ގަވާއިދުން ނުކުރާ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ވަނީ ލޭބަލް ކޮށްފަ އެވެ.