ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރިއަސް، ރިސޯޓުތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން , އިތުރު 6 ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާާޅުވީ މި ގާނޫނަށް އަމަލު ކުރަން ފެށި ނަމަވެސް ގެސްޓްހައުސް ވިޔަފާރިތަކަށާއި މި ދާއިރާގައި މަސައްކަތްކުރާ އެއްވެސް ދިވެއްސަކަށް މިހާރު ގާނޫނުގައި އޮތް މިންވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ. 

އެހެން ނަމަވެސް 1 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭނެ ކަމަށެވެ. 

މިކަމާ ގުޅިގެން ބައެއް ރިސޯޓުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެންނެވި ބަދަލެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ގާނޫނުގެ ސަބަބުން 40 އިންސައްތަ މާރުކޮށްގެން ރިސޯޓުތަކަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމުގައެވެ. 

ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނުވަތަ އޮޕަރޭޝަނަލް ޚަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ސާޅީސް އިންސައްތަ މާރުކޮށްގެން. އެއީ ޔަގީން ކަމެއް
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ފާއިތުވި އަހަރު އެކަނި ވެސް 5.6 ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ.

އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށާއި އައު އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

މި ޔަގީންކަން ރައީސް ދެއްވާފައިވާއިރު މި ބަދަލާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރައާއި ސަރވިސް ޗާޖު ނުދެވޭނެކަން ރިސޯޓު މުވައްޒަފުންނަށް އަންގަމުންދާތީ އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ވަނީ ސޮއި ކުރަން ފަށާފަ އެވެ.