ތިނަދޫ ސިޓީގެ ދެކުނު ސަރަހައްދުގައި އޮންނަ ކުޅީގެ ތެރެއަށް ގަވާއިދާ ހިލާފަށް ކެމިކަލް ފެނާއި ސިމެންތި ފެން އަޅާފައިވާ މައްސަލައާ ގުޅިގެން، ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހެޅުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، ތިނަދޫ ސިޓީގެ ދެކުނު ސަރަހައްދުގައި އޮންނަ ކުޅީގެ ތެރެއަށް ގާނޫނާ ހިލާފަށް ކެމިކަލް ފެނާއި ސިމެންތި ފެން އަޅައި، ކުޅިއަށް ގެއްލުންދެމުންދާ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ކައުންސިލުން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކައުންސިލްގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓާއެކު ކައުންސިލުން ވަނީ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

އެ ވީޑިއޯއިން، ކޮންސްޓްރަކްޝަން ސައިޓަކުން ކުޅީގެ ތެރެއަށް ފެން ދޫކޮށްލާފައިވާ ހޮޅިއެއް ފެނެ އެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކޮންސްޓްރަކްޝަން ސައިޓެއް ކަމެއް އަދި ކޮން ތަނެއްކަން ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އެ މައްސަލަ ކައުންސިލުން ބަލައި ކުޅިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކައުންސިލްގެ ލީގަލް ޑިޕާޓްމަންޓުން ކުރަމުންދާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ކެމިކަލާއި ސިމެންތި ފެނަކީ އޭގެ ސަބަބުން ނުރައްކާތެރި އަސަރުތަކެއް ކުރުވާ އެއްޗެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އެފަދަ ތަކެތީގެ ސަބަބުން ކުޅީގައި ހެދިފައިވާ ގަސްގަހާގެއްސަށާއި އެ ސަރަހައްދުގައި ދިރިއުޅޭ ދޫނިސޫފާސުއިއްޕަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމުން އެ ކުޅި ރައްކާތެރިކޮށް، ހިމާޔަތް ކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި މިކަމަކީ ރައްޔިތުންގެ ވެސް ނުހަނު ބޮޑު ކަންބޮޑުވުމަކަށްވާއިރު، އެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަރު ދެއްވި އެވެ.